މާލެ ސިޓީގައި ދިރިއުޅޭ އެކި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް އެ ރަށްރަށުގެ ކައުންސިލްތަކަށް މާލެ ސިޓީ ކައުންސިލުން ހިލޭ ޖާގަ ހަމަޖައްސައި ދޭން މިއަދު ނިންމައިފި އެވެ.
މާލެ ސިޓީ ކައުންސިލްގެ ފަސް ވަނަ ދައުރުގެ ނުވަ ވަނަ ރަސްމީ އާންމު ޖަލްސާގައި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ފާސްކުރި މި ހުށަހެޅުން ސަބަބެއްގެ ގޮތުން މޭޔަރު އާދަމް އަޒީމް ފާހަގަކުރެއްވީ، މާލޭގައި ގިނަ އަދަދެއްގެ އަތޮޅުތަކުގެ ރައްޔިތުން އުޅޭއިރު އެ މީހުންނާ ބައްދަލުކުރަން ރަށްރަށުގެ ކައުންސިލްތަކުން ތަންތަން ކުއްޔަށް ހިފުމަށް ބޮޑު ހަރަދެއް ހިނގުމެވެ.
އެހެންކަމުން މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ޕާކުތަކާއި މައިދާންތައް ފަދަ ހުސްތަންތަން ހިލޭ ފޯރުކޮށްދީ، މެހެމާންދާރީ އަދާކުރުމުގެ ގޮތުން ރިފްރެޝްމަންޓް ހަމަޖައްސައި ދިނުމަކީ މާލެއަކީ ނަމޫނާ ސިޓީއަކަށް ހެދުމަށް ކުރެވޭނެ މުހިންމު ކަމެއް ކަމަށް މޭޔަރު ވިދާޅުވި އެވެ.
މި ނިންމުމަށް ކައުންސިލަރުންގެ ތާއީދު ލިބިފައިވާއިރު، މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު ރިޟްވާން އަލީ ފާހަގަކުރެއްވީ މިއީ ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތަކަށް މާލޭގައި އުޅޭ ރައްޔިތުންގެ ހިޔާލު ހޯދުމަށް މަގުފަހިވެ، އެފަރާތްތަކަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމެއް ކަމަށެވެ. އަދި ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިސްމާއީލް ހަލީމް ވަނީ ޖާގަ ދޫކުރާނެ މިންގަނޑުތަކާއި ވަގުތުތައް ހަރުދަނާ އުސޫލަކުން ކަނޑައެޅުމަށް ބާރުއަޅުއްވާފަ އެވެ.
މިއީ މާލޭގައި އުޅޭ ފުދުންތެރިކަން ދަށް މީހުންގެ އަލަތު ކައިވެނީގެ ވަލީމާ ބޭއްވުމަށް ހިލޭ ބިން ދޭން ކައުންސިލުން ދާދިފަހުން ނިންމި ނިންމުމެކޭ އެއްގޮތަށް، އިޖުތިމާއީ ލުއިފަސޭހަތައް ފޯރުކޮށްދިނުމަށާއި ކައުންސިލްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް އެޅުނު އިތުރު ފިޔަވަޅެކެވެ.
ޝަބާނާގެ ސިއްހީ ހާލު ގޯސްވެ ފަރުވާ ހޯދަން ޖެހިއްޖެ
ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވެއްޖެ
ދުވާލަކު 5 ތަށި ކޮފީ: ހިތުގެ ބައްޔާއި ހަކުރު ބަލިން ދުރު ކޮށްދޭ!