ބ. އަތޮޅުގައި ހަދަމުން އަންނަ ރިސޯޓެއް ކަމަށްވާ ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ލައްވައި މަސައްކަތް ކުރުވުމަށް ފަހު، އެތައް މަހެއް ވަންދެން މުސާރަ ނުދީ ގެންގުޅުނު މައްސަލައިގައި ހައްގުތައް ކަށަވަރުކޮށްދިނުމުގެ ވަގުތީ އަމުރަކަށް އެދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ މާދަމާ އަށް ތާވަލްކޮށްފި އެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރި 200 ބިދޭސީންގެ ފަރާތުން ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން މިދިޔަ ޖުލައި 15 ގައި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅި އިރު، އެ މައްސަލަ އެ ތަނުން ބަލައިގަތީ ވެސް އެއް މަސް ފަހުންނެވެ.

ޕީއައިއެލްސީން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި ވަނީ މަސައްކަތްތެރިންނަށް ނުދީ ހުރި މުސާރަ އެއް ފަހަރާ ދިނުމަށާއި މުސާރަ ނުދީ ގިނަ ދުވަސްތަކެއް ވެފައިވާތީ ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައި ދިނުމުގެ އަމުރަކަށް އެދި އެވެ. އަދި ގައުމަށް އެނބުރިދާން އެދޭ މީހުންނަށް އެ އިންތިޒާމުތައް ރިޒް ކުންފުނިން ހަމަޖައްސައި ދިނުމުގެ އަމުރެއް ނެރެ ދިނުމަށް ވެސް އެދިފައިވެ އެވެ.

ބޮޑުފިނޮޅަކީ ސީލް ކުންފުނީގެ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރަށެކެވެ. އެކަމަކު، އެތަނުގައި މަސައްކަތް ކުރަނީ ރިޒް ކުންފުނީގެ މުވައްޒަފުންނެވެ. ބިދޭސީންނަށް މުސާރަ ނުދޭ މައްސަލަ ފެންމަތިވީ ބިދޭސީން އެ ރަށުގައި ހިތްހަމަނުޖެހުން ފާޅުކޮށް މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާގައި ފުލުހުންނާ ކުރިމަތިލި އިރު، ބައެއް ފުލުހުންނަށް އަނިޔާވިއެވެ. އަދި ދިވެހިންތަކެއް ރަހީނު ވެސް ކުރި އެވެ.

ރިޒް ކުންފުނިން މުސާރަ ދެމުން އައި ބިދޭސީން ހަމަނުޖެހުން ހިންގުމުން އެ ބިދޭސީންނާ ހަވާލުވުމަށް ރިޒް ކުންފުނިން ދެކޮޅު ހެދިއެވެ. އެހެންވެ، އެ މީހުން މާލެ ގެނެސް މިހާރު ބައިތިއްބާފައި ތިބީ ހުޅުމާލޭގައި ހުންނަ އެމްއާރުޑީސީގެ ފެސިލިޓީއެއްގަ އެވެ. އެމްއާރުޑީސީގެ އެ ފެސިލިޓީގައި އެ މީހުން ބޭތިއްބިޔަސް ހުރިހާ ޚަރަދެއް ދައްކާނީ ރިޒް ކުންފުނިން ކަމަށްވެ އެވެ.

ބިދޭސީންނަށް މުސާރަ ނުދީ ގެންގުޅުނު މައްސަލައިގައި ފުލުހުން ރިޒް ކުންފުނީގެ މައްޗަށް ކުރަނީ ހިއުމަން ޓްރެފިކިންގެ ތުހުމަތެވެ.

ރިޒް ކުންފުންޏަކީ ސަރުކާރު ހިންގާ މައިޕާޓީގެ މަޖިލިސް މެންބަރު ނިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ ކުންފުންޏެކެވެ.