ބޮލީވުޑްގެ މަޝްހޫރު ބަތަލާ ތަޕސީ ޕަންނޫ ލީޑް ރޯލުން ފެނިގެންދާ އެކްޝަން ތުރިލާ ފިލްމު "ގަންދާރީ" ނެޓްފްލިކްސްގެ ދުނިޔޭގެ ޗާޓުގެ އެއްވަނަ މަގާމަށް އަރައިފި އެވެ.

މި ފިލްމު ވެގެން ގޮސްފައިވަނީ ނެޓްފްލިކްސްގައި މިހާތަނަށް ދައްކާފައިވާ އިންޑިއާގެ އޮރިޖިނަލް ފިލްމުތަކުގެ ތެރެއިން އެއް ހަފުތާގެ ތެރޭގައި އެންމެ ގިނަ ބަޔަކު ބެލި ފިލްމަށެވެ.

ނެޓްފްލިކްސްގެ ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ފިލްމަށް ދެވަނަ ހަފުތާގައި 9.6 މިލިއަން ވިއުސް ލިބިފައިވެ އެވެ. މިއީ ފުރަތަމަ ހަފުތާގައި ލިބުނު 5.9 މިލިއަން ވިއުސްއާ އަޅާބަލާއިރު 60 ޕަސެންޓް އަށްވުރެ ބޮޑު ކުރިއެރުމެކެވެ.

މި ކާމިޔާބީާއެކު މި ފިލްމު ވަނީ ނެޓްފްލިކްސްގެ އިންގިރޭސި ނޫން ފިލްމުތަކުގެ ގްލޯބަލް ޗާޓުގެ 3 ވަނައިން 1 ވަނަ އަށް ޖެހިލާފަ އެވެ.

"'ގަންދާރީ"ގެ މި ބޮޑު ކާމިޔާބީއާއެކު, ނެޓްފްލިކްސްގައި ކުރިން ރެކޯޑް ގާއިމު ކޮށްފައިވާ ބައެއް މަޝްހޫރު އިންޑިއާ ފިލްމުތަކުގެ ރެކޯޑްތައްވެސް ވަނީ މުގުރާލާފަ އެވެ.

އެގޮތުން "ޖާނޭ ޖާން"އާއި "ޑާލިންގްސް" އަދި "ދުރަންދަރު" ފަދަ ފިލްމުތަކަށް ލިބުނު ވިއުސްގެ އަދަދުތަކަށްވުރެ މި ފިލްމުގެ ދެވަނަ ހަފުތާގެ ނަތީޖާ ވަރަށް ބޮޑަށް ކުރިއަރާފައިވާކަން ފާހަގަކޮށްލެވެ އެވެ.

ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ނެޓްފްލިކްސްގައި ޕްރިމިއާ ކުރި މި ފިލްމުގައި ތާޕްސީ ފެނިގެންދަނީ ވަގަށް ނަގާފައިވާ އޭނާގެ އަންހެން ދަރިފު ހޯދުމަށް މަސައްކަތްކުރާ މައެއްގެ ރޯލުންނެވެ.

ޖަޒުބާތީ އަދި ހަށިގަނޑުގެ ބާރު ބޭނުންކުރަންޖެހޭ މި ފަދަ ވަރުގަދަ އެކްޝަން ރޯލަކުން ތާޕްސީ ފެނިގެންދިޔުމަކީ އޭނާގެ ކެރިއަރުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާގެ ސަޕޯޓަރުން އަންނަނީ ފާހަގަ ކުރަމުންނެވެ.