ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ނެރޭނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވާދަކުރައްވަން އުޅުއްވާކަން އެނގިއްޖެ އެވެ.
މި ޕްރައިމަރީގައި ފައިސަލް ވާދަކުރައްވައި، އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރު އާދަމް އާޒިމް ހަމަޖައްސަވަން ނިންމަވާފައިވާ ކަމުގެ އަޑުތައް ގަދަވެފައިވާއިރު، މި ދެ ބޭފުޅުންގެ ކެމްޕޭން ޕޯސްޓަރުތަކެއް ވެސް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. ނަމަވެސް ޕްރައިމަރީއަށް ނުކުންނަވާނެކަން ފައިސަލް އަދި ރަސްމީކޮށް ހާމައެއް ނުކުރައްވަ އެވެ.
'ހުރިހާ' އަށް އެނގިފައިވާ ގޮތުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ފައިސަލް ވާދަކުރައްވަން ނިންމަވާފައި ވާތީ، އެކަމަށް ތާއީދުކޮށްދެއްވުމަށް އެދިވަޑައިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ފައިސަލްގެ ޓީމުން ވަނީ އިއްޔެ ބައްދަލުވުމެއް ބާއްވާފަ އެވެ. މާލޭގައި ނޫޅުއްވާތީ މި ބައްދަލުވުމުގައި ފައިސަލް ބައިވެރިވެވަޑައިނުގަތް ނަމަވެސް، މޭޔަރު އާޒިމްގެ އިތުރުން އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒާއި، ވަގުތީ ޗެއާޕާސަންގެ ގޮތުގައި ހުންނެވި އަބްދުލްގަފޫރު މޫސާ (ގަޕޯ) އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ބައިވެރިވެވަޑައިގަތެވެ.
ރައީސް ސޯލިހުގެ ގާތް ބޭފުޅުންގެ ފަރާތުން އެނގިފައިވާ ގޮތުގައި، ރިޔާސީ ޕްރައިމަރީގައި ވާދަނުކުރައްވާކަށް އެމަނިކުފާނު ވެސް އަދި ނިންމަވާފައެއް ނުވެ އެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން މިހާތަނަށް ރަސްމީކޮށް އިއުލާންކުރައްވާފައި ވަނީ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެވެ. އެމްޑީޕީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ޝާހިދު މިހާރު ގެންދަވަނީ ވަރަށް ފުޅާކޮށް ރަށްރަށަށް ކެމްޕޭން ދަތުރުތައް ކުރައްވަމުންނެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމަނިކުފާނުގެ ތާއީދު ފައްޔާޒަށް އޮތްކަން ހާމަކުރައްވާފަ އެވެ.
ޑޮލަރުގެ އާމްދަނީ 328 މިލިއަން ޑޮލަރަށް ވެއްޓިއްޖެ
އުސްފަސްގަނޑު ބަޖިޔާ ގާތަކުގައި ތާށިވި މީހާ ސަލާމަތްކޮށްދީފި
ބަންގްލަދޭޝް މީހުންނަށް ފަސޭހައިން ފައިސާ ފޮނުވޭނެ ގޮތް ހަދަނީ