ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާން އެންމެ ފަހުން ރަސްމީކޮށް ސޯޝަލް މީޑިއާގެ އެންމެ މަގުބޫލު އެއް ޕްލެޓްފޯމް ކަމަށްވާ އިންސްޓަގްރާމާ ގުޅިއްޖެ އެވެ.

ސޯޝަލް މީޑިއާއާ އަބަދުވެސް ދުރުގައި އުޅުނު ސައިފް އިންސްޓަގްރާމް އެކައުންޓެއް ހުޅުވައި، ފުރަތަމަ ޕޯސްޓު ކުރުމާއެކު އޭނާގެ ފޭނުންގެ މެދުގައި ވަނީ ބޮޑު ތަރުހީބެއް ލިބެން ފަށާފަ އެވެ.

ސައިފްގެ ފުރަތަމަ އޮފިޝަލް އިންސްޓަގްރާމް ޕޯސްޓުގައި އޭނާ ހިއްސާ ކޮށްފައިވަނީ އޭނާގެ އާއިލީ ގެ "ޕަޓޯޑީ ޕެލެސް"ގައި ހުންނަ ކުތުބުޚާނާ (ލައިބްރަރީ)ގެ ފޮޓޯ އެކެވެ.

ފޮޓޯއިން ފެންނަނީ ފޮތްތަކުން ފުރިފައިވާ ރީތި ލައިބްރަރީގެ ތެރޭގައި ސައިފް ވަރަށް ހަމަޖެހިލައިގެން ހުންނަ މަންޒަރެވެ. މި ފޮޓޯއާއެކު އޭނާ ވަނީ ފޮތް ކިޔުމާއި އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކުޑަ މަންޒަރެއް ފޭނުންނަށް ދައްކާލާފަ އެވެ.

https://www.instagram.com/p/DeWOgETDaOT/?utm_source=ig_embed&ig_rid=AQvCdq4bcSZi3zDI79QFVja

އޭނާގެ އަންހެނުން ކަރީނާ ކަޕޫރު ޚާންއާއި އާއިލާގެ އިތުރު މެމްބަރުން ވަނީ ސައިފް އިންސްޓަގްރާމާ ގުޅުމުން އެކަން ފާހަގަކޮށް، އޭނާއަށް މަރުހަބާ ކިޔާފަ އެވެ.

ކަރީނާ ވަނީ ސައިފްގެ އެކައުންޓް އޭނާގެ އަމިއްލަ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށް، ފޭނުންގެ ކިބައިން ސައިފްގެ އެކައުންޓް ފޮލޯ ކުރުމަށް އެދިފަ އެވެ.

ސައިފްއަކީ ކުރިން ސޯޝަލް މީޑިއާ ބޭނުން ކުރުމާ ދެކޮޅު ހަދަމުން އައި ތަރިއަކަށް ވީނަމަވެސް، އެންމެ ފަހުން އިންސްޓަގްރާމާ ގުޅުމުން، ކުރިއަށް އޮތް ތަނުގައި އޭނާގެ އަމިއްލަ ދިރިއުޅުމާއި ފިލްމީ މަސައްކަތްތަކުގެ މައުލޫމާތު ސީދާ ފޭނުންނަށް ލިބެމުންދާނެ ކަމަށް ބެލެވެ އެވެ.

ސައިފް އެކައުންޓް ހުޅުވިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެތައް ހާސް ބަޔަކު ވަނީ އޭނާ ފޮލޯ ކުރަން ފަށާފަ އެވެ.