ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދު (އީއީޒެޑު) ތެރެއަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، މި ބޯޓުތައް އަތުލައިގަނެފައި ވަނީ ކޯސްޓްގާޑާއި އެމްއެންޑީއެފް އެއާ ކޯ ގުޅިގެން ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ. މި ތިން ބޯޓު ހިފަހައްޓާފައި ވަނީ އަރިއަތޮޅުގެ ހުޅަނގުން ގާތްގަނޑަކަށް 170 ނޯޓިކަލް މޭލު ބޭރުންނެވެ.

މި ބޯޓުތައް މިހާރު ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސިފައިން ބުނެފައިވެ އެވެ. ނަމަވެސް، މިއީ ކޮން ގައުމަކަށް ނިސްބަތްވާ ބޯޓުތަކެއް ކަމެއް ކަމާބެހޭ އިދާރާތަކުން އަދި ހާމައެއް ނުކުރެ އެވެ.

ރާއްޖޭގެ ބިޔަ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ބޭރުގެ އުޅަނދުފަހަރު ވަނުމުގެ މައްސަލައަކީ އަބަދުވެސް ދިމާވާ ކަމެކެވެ. އާންމުގޮތެއްގައި މިފަދަ އުޅަނދުތައް ރާއްޖޭގެ ސަރަހައްދަށް ވަންނަނީ ވަގަށް މަސްވެރިކަން ކުރުމުގެ ބޭނުމުގަ އެވެ.