ކޮވިޑް ޖެހިގެން ހއ. ދިއްދޫން މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މިއަދު ހެނދުނު 8:45 ގައި ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ގެނައި 83 އަހަރުގެ އަންހެނަކު ކޮވިޑް ބަލީގައި މަރުވެފައިވާ ކަމަށެވެ. މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި 94 ވަނަ މީހާ އެވެ.

ކޮވިޑް ޖެހިގެން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގައި ހަ މީހަކު ވަނީ މަރުވެފަ އެވެ. މީގެ ތެރޭގައި ރޭ މަރުވި ދެ މީހުން ވެސް ހިމެނެ އެވެ. އެޗްޕީއޭއިން ބުނީ ރޭ މަރުވެފައި ވަނީ 63 އަހަރުގެ މީހެއް ކަމަށާއި މިއަދު މަރުވި އަނެއް މީހާއަކީ އުމުރުން 87 އަހަރުގެ މީހެއް ކަމަށެވެ.

ދުވާލެއްގެ މައްޗަށް ކޮވިޑުގައި މަރުވާ މީހުން އިތުރުވަމުން އަންނަ އިރު ހޮސްޕިޓަލް ތަކުގައި އެޑްމިޓުކޮށް ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު މިވަނީ 259 އަރާފަ އެވެ. މީގެ ތެރެއިން ބައެއް މީހުންނަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގަ އެވެ.