ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައި އެމްއެމްޕީއާރުސީން ވަގަށް ނެގި ފައިސާ ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުން ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ ޗަމްޕާ ބްރަދާސް ކުންފުންޏަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް، ޖަވާބުދާރީވާން އެ ކޮމިޝަނުން އަންގަވާފައިވާކަން ހާމަވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެސެޓް ރިކަވަރީ ކޮމިޝަނަށް ޗަމްޕާ ބްރަދާސް އިން ޖަވާބުދާރީވާން އަންގާފައިވަނީ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރާ ދެމެދު ކޮށްފައިވާ މުއާމަލާތުތަކަކާ ގުޅިގެންނެވެ.
އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ރަށްތަކެއް އުއްޗު ހިއްސާ ކުންފުނިތަކަކަށް އަދީބު ދޫކޮށްފައިވެ އެވެ. އަދި އެ ދެ މީހުންގެ ދޭތެރޭގައި ގާތް ގުޅުމެއް އުފެދި ބޭރުގެ ފަންނާނުން ގެނައުމަށް އުއްޗު އެހީތެރިވުމާއި އަދީބު އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން ކޭކުފެޅުން ފަދަ ހަރަކާތްތައް ވެސް އުއްޗު ކުރިޔަށް ގެންގޮސްދީފައިވެ އެވެ. ނަމަވެސް އެއިން އެއްވެސް ހަރަކާތަކުން އުއްޗުގެ ކޮއްކޮ ޗަމްޕާ ހުސެއިން އަފީފު ފެނިފައެއް ނުވެ އެވެ.
ޖަވާބިދާރީވުމާ ގުޅޭ ގޮތުން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުން ޗަމްޕާ ބްރަދާސް އަށް ފޮނުވާފައިވާ ސިޓީއެއް ވަނީ ލީކްވެފަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނަގާފައިވާ ފައިސާ އާއި ރިސޯޓުތައް ތަރައްގީކުރުމުގެ ނަމުގައި 2014 އަދި 2015 ވަނަ އަހަރު ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން އެމްއެމްޕީއާރުސީ މެދުވެރިކޮށް އެސްއޯއެފް ޕްރައިވެޓް ލިމިޓެޑަށް ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން ތަފާތު ފަސް ފަހަރެއްގެ މަތިން ޗަމްޕާ ބްރަދާސްގެ އެކައުންޓުތަކަށް ފައިސާ ޖަމާކޮށްފައިވާއިރު އެ ފައިސާ އެގޮތަށް ޖަމާކޮށްފައި ވަނީ ފައިސާގެ އަސްލު އޮޅުވާލައި، އެ ފައިސާއާ ގުޅޭ ހައްގުތައް ސިއްރު ކުރަންކަން ތަހުގީގަށް ފާހަގަކުރެވޭ ކަމަށެވެ.
މިއީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކުށަކަށް ވާތީ އެކަމުގައި ޖަވާބުދާރީވާނެ ފަރާތެއް ކުންފުނިން ކަނޑައަޅައި އެކަން މިދިޔަ މާޗު 15 ކުރިން ކޮމިޝަން އަންގަން ވަނީ ބުނެފަ އެވެ. މިކަމާ ގުޅިގެން ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާ ފުލުހުން ދާދިފަހުން ވަނީ ސުވާލު ކޮށްފަ އެވެ.
އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގުކުރުމަށް ފަހު މީގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަނުން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 3.5 މިލިއަން ޑޮލަރު ޗަމްޕާ ބްރަދަރސްގެ އެކައުންޓަކަށް އެސްއޯއެފް މެދިވެރިކޮށް ޖަމާކޮށްފައިވާ ކަމަށެވެ.
ޗަމްޕާ ބްރަދާރސްގެ ހިއްސާދާރުންގެ ގޮތުގައި ތިބެނީ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) އަދި ހުސެއިން އަފީފް (ޗަމްޕާ) އާއި އެ ދެ ބޭފުޅުންގެ ދަރިންނެވެ.
އެސްއޯއެފްގެ ފައިސާ ޖަމާވި ކުންފުނިތަކުގެ ތެރެއިން ބައެއް ކުންފުނިތަކަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ތަހުގީގަށް ބޭނުންވާ މައުލޫމާތު ދޭން އަންގައިފަ އެވެ. މި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ، އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހްމަދު ސަލީމްގެ ރެޑްވޭވް ކުންފުންޏަށް ވެސް ވަނީ ޖަވާބުދާރީވާން އަންގައި ތަހުގީގަށް ހާޒިރުކޮށްފަ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކާއި ކުންފުނިތަކުގެ މައުލޫމާތު ހިމެނޭ ލިސްޓެއް މަޖިލީހުން ވަނީ އާންމުކޮށްފަ އެވެ. މިލިސްޓާ ގުޅިގެން ބައެއް ފަރާތްތަކުން ބުނެފައިވަނީ އެމީހުންނާ މިތަހުގީގުގައި އެއްވެސް ސުވާލެއް ކޮށްފައިނުވާ ކަމަށެވެ.
ކޮމިޝަނުން ބުނެފައިވަނީ އެ ލިސްޓުގައިވާ އެންމެންނަކީ ޚިޔާނާތުގެ ބައިވެރިން ކަމަށް ބަލައިގެން ނުވާނެ ކަމަށާއި ތަހުގީގުކޮށް އިތުރަށް ބަލަންޖެހޭ ކަމަށެވެ.
ރައީސް ސޯލިޙް ވަރަށް މަތިވެރި މަޤްސަދެއްގައި ހެއްދެވި ކޮމިޝަނެއް މީ. ނަމަވެސް އެތަނަށް ލެވުނު މީހުންނަކީ ކަމުގެ ހުނަރާއި ތައުލީމާއި ގާބިލް ކަންނެތް އަމިއްލަ އެޖެންޑާ އެއްގެ މަޅީގައި ޖެހިފައި ތިބި ބައެއް. ކޮރަޕްޝަންގެ ތުހުމަތު ކުރެވި މައްސަލަ ބަލަން ފަށާ ވަކި ހިސާބަކުން މައްސަލަ އޮށްބާލާފައިވާ މީހުންވެސް ހިމެނޭ. ވީމާ ދެން ކޮން އިންޓެގްރިޓީ އެއްތޯ. ކޯއްޗެއްތޯ ބެލޭނީ. ވަގުތުން ވަގުތަށް އުވާލަން ގޮވާލަން. ނޫނީ ސަރުކާރަށް އިތުރު އުނދަގޫ ކުރިމަތި ކުރުވާނެ.