ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަންޖޭ ދަތު، ޝޭކަރް ސުމަންގެ ޝޯ "ޝޭކަރް ޓުނައިޓް"ގައި ބައިވެރިވެ، އިންޑިއާގެ މިހާރުގެ ހާލަތާމެދު އޭނާގެ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ގާންދީ ޖަޔަންތީއާ ދިމާކޮށް ގެނެސްދިން މި ޝޯގައި ސަންޖޭ ދަތު ވަނީ ގައުމުގެ މަޝްރަހާ ބެހޭގޮތުން އަސަރުން ފުރިގެންވާ ވާހަކަތަކެއް ދައްކައި، އޭނާގެ މަޝްހޫރު "މުންނާ ބާއީ" ކެރެކްޓާގެ ސްޓައިލްގައި މަޖާ ރާގަކަށް ބޮޑުވަޒީރުކަމާ ގުޅޭގޮތުންވެސް ވާހަކަދައްކާފަ އެވެ.

ޝޯގެ ތެރެއިން އިންޑިއާގެ މިހާރުގެ ހާލަތާ ބެހޭގޮތުން ވާހަކަދައްކަމުން ސަންޖޭ ދަތު ބުނީ، ކުރީގައި އިންޑިއާއިން ފެނުނު އަމާންކަމާއި ހަމަޖެހުން މިހާރު ފެންނަމުން ނުދާ ކަމަށެވެ.

"މި ގައުމުގެ ރައްޔިތުންނަކީ ވަރަށް ހެޔޮ، އޯގާތެރި ބައެއް. މި ގައުމުގައި ހަމަޖެހުން އޮންނަންޖެހޭނެ. ނަމަވެސް އެ ހަމަޖެހުމެއް މިހާރު އިންޑިއާއަކުން އިހުސާސެއް ނުކުރެވޭ. އަހަރެމެން އިންޑިއާ މީހުންނަކީ ދީލަތި ހިތެއްގެ ވެރި، މެހެމާންދާރީ އަދާ ކުރުމުގައި ނަމޫނާ ބައެއް. އަހަރެމެން ވަނީ ގައުމަށް އެތައް ކަމެއް ކޮށްދީފައި، އަދި އަބަދުވެސް ތިބެން ޖެހޭނީ އެގޮތުގައި. އަހަރެން އެދެނީ އެ އުފާވެރި ދުވަސްތައް އެނބުރި އައުން." ސަންޖޭ ބުންޏެވެ.

ސަންޖޭ ދަތުގެ އަންހެނުން މާނިޔަތާ ދަތު އާއި ދެކުދިން މިހާރު ދިރިއުޅެމުންދަނީ ދުބާއީގަ އެވެ. 10 އަހަރުގެ ޔޫއޭއީ ގޯލްޑަން ވިސާ އޮންނަ ސަންޖޭ ދަތު މަސައްކަތް ކުރަނީ މުމްބާއީ އާއި ދުބާއީއާ ދެމެދު ދަތުރު ކޮށްގެންނެވެ.

ޝޯގެ އެހެން ބަޔެއްގައި، ސަންޖޭ ދަތު ފަސް މިނެޓަށް އިންޑިއާގެ ބޮޑު ވަޒީރުކަމަށް އަތުވެއްޖެނަމަ ރައްޔިތުންނަށް ބުނާނީ ކީކޭތޯ ޝޭކަރް ސުމަން ސުވާލު ކުރުމުން، އޭނާ ވަނީ "މުންނާ ބާއީ އެމްބީބީއެސް" ފިލްމުގައި އޭނާ ކުޅުނު މަޝްހޫރު ކެރެކްޓާގެ ސްޓައިލްގައި ވާހަކަދައްކާފަ އެވެ.

ސަންޖޭ ދަތު މަޖާ މޫޑެއްގައި ބުނީ އިންޑިއާއަކީ އާބާދީ ބޮޑު ގައުމެއް ކަމަށާއި ހުރިހާ ރައްޔިތުންގެ ޒިންމާ އޭނާގެ ބޮލުގައި އެޅޭނެ ކަމަށެވެ. އެއާއެކު އެއްވެސް މުނާސަބަތެއް ފާހަގަކުރަން ގައުމުން ބޭރަށް ނުދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ސަންޖޭ އެންމެ ފަހުން ފެނިގެންދިޔައީ ސިޔާސީ ތްރިލާ ފިލްމު "އާހްރީ ސަވާލް" އިންނެވެ. މީގެ އިތުރުން ސަލްމާން ހާންއާއެކު "7 ޑޯގްސް" ގައިވެސް އޭނާގެ ހާއްސަ ފެނިލުމެއް ހިމެނެ އެވެ.

އޭނާގެ ކުރިއަށްހުރި މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑަށް އިންތިޒާރުކުރެވެނީ 1993 ވަނަ އަހަރު ނުކުތް އޭނާގެ މަޝްހޫރު ފިލްމު "ކަލްނާޔަކް"ގެ ސީކުއެލް "ކަލްނާޔަކް ރިޓާންސް" އަށެވެ.