ރޭ ދަންވަރު ހުޅުމާލޭގައި ދެ ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި އެއް އާއިލާއެއްގެ ދެ މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ، އެ މައްސަލަ ފުރިހަމައަށް ތަހުގީގުކޮށް ކަމާބެހޭ ފަރާތްތަކުން ފުރިހަމަ ޒިންމާ ނެގުމަށް އެ ދެ މީހުންގެ އާއިލާއިން ގޮވާލައިފި އެވެ.

ރޭ މެންދަމު ގާތްގަނޑަކަށް 3:00 ހާއިރު ހުޅުމާލޭގައި މި ހާދިސާ ހިނގަން މެދުވެރިވީ ތިން މީހުން އަރުވައިގެން ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް، ގަވާއިދުން ދުއްވާފައި ދިޔަ ދެ މީހުން ތިބި ސައިކަލެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ޖުމްލަ ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އޭގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، އިތުރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.

ފުލުހުންގެ އިދާރާއިން މި ހާދިސާއާ ގުޅޭގޮތުން ވިދާޅުވީ، މިއެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުން ވަންވޭއާ އިދިކޮޅަށް ތިން މީހުން އަރުވައިގެން ދުއްވި ސައިކަލު، މަގުން ދަތުރުކުރި އެހެން ސައިކަލެއްގައި ޖެހިގެން ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް ދުއްވި ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ ލައިސަންސް ވެސް ނެތް މީހެއް ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

މި ހާދިސާގައި ބޮޑެތި އަނިޔާތަކެއް ލިބުނު ދެބެއިންގެ ކޮއްކޮ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއީ އާދައިގެ އެކްސިޑެންޓެއްގެ ގޮތުގައި ފުލުހުން ބަލަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެއީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

https://www.facebook.com/juma.nafizali/posts/1668885368090628

އާއިލާއިން ވަނީ މި ނުރައްކާތެރި ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގައި، މިކަމުގައި އިހުމާލުވި އަދި ޒިންމާވާންޖެހޭ ހުރިހާ ފަރާތްތަކަކުން ޒިންމާ ނެގުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފަ އެވެ. މީގެއިތުރުން، ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ އެ ދެބެއިންނަށް ހެޔޮ ދުއާ ކޮށްދިނުމަށް ވެސް އާއިލާއިން ވަނީ އާންމުންގެ ކިބައިން އެދިފަ އެވެ.