މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަކާ ގުޅިގެން ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ބަންދުކޮށްފައި ވަނީ ތ. ދިޔަމިގިލި، އައްސޭރި، މާހު ހަސަން،21، އެވެ.

އޭނާއަށް ތުހުމަތުކުރަނީ އެއްގަމު އުޅަނދެއް ދުއްވަމުންދަނިކޮށް ނުރައްކާތެރި އެކްސިޑެންޓެއް ހިންގުމުގެ ކުށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން ދިނީ 15 ދުވަހުގެ މުއްދަތެކެވެ.

އެ ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ސޯސަންމަގު ސިޓީ ބޭކަރީ ކުރިމަތިންނެވެ. އެ ވަގުތު ދެ ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ލިބިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ނިޔާވެފައިވަނީ ށ. ފޯކައިދޫ، މަގުމަތީގެ އުމުރުން 26 އަހަރުގެ އައިޝަތު މާހިދާއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ކަޅުކުލައިގެ ވޭވް 125 ބްރޭންޑުގެ ސައިކަލަކާއި އެކްޒައިޓާ 150 ބްރޭންޑުގެ ސައިކަލެއް ޖެހިގެންނެވެ. އެ ހާދިސާގައި ވޭވް ސައިކަލުގެ ފަހަތުގައި އިން އަންހެން މީހާ މަގުމައްޗަށް ވިއްސައިގެން ގޮސް ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ.