އިންޑިއާގެ ސިނަމާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ، އަދި ގައުމީ އެވޯޑު އެތައް ފަހަރަކު ހާސިލު ކޮށްފައިވާ މަޝްހޫރު އެކްޓަރު ނާނާ ޕަޓޭކަރް އުމުރުން 75 އަހަރުގައި މަރުވެއްޖެ އެވެ.

އޭނާ މަރުވީ ގޯއާގެ ދޯނާ ޕޯލާގައި ހުންނަ އޭނާގެ ގޭގައި ހުއްޓާ ހާޓް އެޓޭކެއް ޖެހިގެން މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާގެ ދަރިފުޅު މަލްހާރު ޕަޓޭކަރް ވަނީ ނާނާ ޕަޓޭކަރް މަރުވިކަން މީޑިއާއަށް ކަށަވަރު ކޮށްދީފަ އެވެ.

ސިއްހީ ހާލަތު ގޯސްވުމާ ގުޅިގެން މަނިޕާލް ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ނިންމާފަ އެވެ.

ހޮސްޕިޓަލުގެ ޑޮކްޓަރުން ވަނީ ގާތްގަނޑަކަށް 45 މިނެޓު ވަންދެން އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް، ހެނދުނު 5:20 އެހާކަންހާއިރު ޑޮކްޓަރުން ވަނީ އޭނާ މަރުވެފައިވާ ކަމަށް ރަސްމީކޮށް އިއުލާނުކޮށްފަ އެވެ.

1978 ވަނަ އަހަރު ފިލްމު 'ގަމަން' އިން ފިލްމީ ދާއިރާއަށް ނުކުމެ، ހަތަރު ދަހަރަށްވުރެ ދިގު މުއްދަތެއްގައި ނާނާ ޕަޓޭކަރް ވަނީ ހިންދީ އަދި މަރާޓީ ސިނަމާގައި ތަފާތު އެކްޓިންގްއެއް ދައްކާފަ އެވެ.. އޭނާ ވަނީ ފިލްމު ކުޅުމުގެ އިތުރުން ޑައިރެކްޓްކޮށް، ވާހަކަވެސް ލިޔެފަ އެވެ.

އޭނާގެ އެންމެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ސަލާމް ބޮމްބޭ!"، "ޕަރިންދާ"، "ކްރާންތީވީރު"، "އަގްނީ ސާކްޝީ"، "އަންގާރު"، "ތިރަންގާ"، "ރާޖު ބަންގަޔާ ޖެންޓްލްމަން" އަދި "ވެލްކަމް" ހިމެނެ އެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2026 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ސުބޭދާރު" އިންނެވެ.

ފިލްމީ ދާއިރާއަށް ކޮށްދިން ހިދުމަތްތަކުގެ އަގު ވަޒަންކޮށް، އޭނާއަށް ވަނީ ތިން ފަހަރެއްގެ މަތިން އިންޑިއާގެ ގައުމީ ފިލްމީ އެވޯޑު ލިބިފަ އެވެ. އަދި 2013 ވަނަ އަހަރު އިންޑިއާ ސަރުކާރުން ވަނީ އޭނާއަށް "ޕަދްމާޝްރީ" އެވޯޑުވެސް އަރުވާފަ އެވެ.