ހުޅުމާލޭގައި ސައިކަލެއް، ޓްރަކް ދަށުވެ ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގި ނަމަވެސް ސައިކަލުގައި އިން ދެ މީހުންނަށް ވެސް މާ ބޮޑު އަނިޔާއެއް ނުވެ ސަލާމަތްވެއްޖެ އެވެ.

އެކްސިޑެންޓް ހިނގީ މިއަދު އިރުއޮއްސި 6:00 ހާއިރު، ރެޑްވޭވް މެގަމޯލް ކުރިމަތީގަ އެވެ.

މަންޒަރު ދުށް މީހަކު ބުނީ އެކްސިޑެންޓް ހިނގި ދެ އުޅަނދުވެސް ދަތުރުކުރީ ދެ ވަނަ ފިޔަވައްސާ ދިމާލަށް ކަމަށެވެ.

އޭނާ ބުނީ ޓްރަކް ކައިރިން އޯވަޓޭކް ކުރިއިރު އޭގެ ކަނާތު ފަޅީގައި ޖެހި ސައިކަލު ދިޔައީ ޓްރަކް ދަށަށް ކަމަށާއި ބޮޑަށް ލަފާކުރެވެނީ ޓްރަކްގައި ޖެހުނު ގަޑީގައި ސައިކަލުގައި އިން ދެ މީހުން ފުންމާލީ ކަމަށެވެ. އެ ސައިކަލުގައި ތިބީ ދެ ފިރިހެނުންނެވެ. ޓްރެކް ދުއްވަން އިނީ ބިދޭސީއެކެވެ. އެކްސިޑެންޓްވި ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

އޭނާ ބުނިގޮތުގައި ޓްރަކް ސައިކަލުގައި ޖެހުނުއިރު ވަރަށް ބާރު އަޑެއް އިވުނެވެ. އަދި ޓްރަކް ދުއްވަން އިން ބިދޭސީ މީހާ އުޅުނީ ވެހިކަލް މަޑުނުކޮށް ދާންވެގެން ކަމަށް އޭނާ ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓް ހިނގިއިރު ޓްރަކު ދުއްވަނީ އިނީ 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށާއި ސައިކަލް ދުއްވަން އިނީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުންގެ އެހީތެރިކަމާއެކު ސައިކަލް ދުއްވަން އިން މީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައެވެ. އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ހުޅުމާލޭ ހޮސްޕިޓަލުން ބުންޏެވެ.

އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ ހަށިގަނޑުގެ ބައެއް ތަންތަން ހަން މަށައިގެން ގޮސްފައި ހުރުމުން ބޭސް އެޅުމަށް ފަހު މިހާރު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގިއިރު ޓްރަކާއި ސައިކަލް ދުއްވި ދެ މީހުންގެ އަތުގައި ވެސް އެ ކެޓަގަރީގެ ލައިސެންސް ނެތް ކަމަށެވެ.