ހެނދުނު ހޭލައިގެން ކުރާ ކަންކަމަކީ މުޅި ދުވަހުގެ މިސްރާބު ކަނޑައަޅައިދޭ މުހިންމު ކަންކަމެވެ. އޭގެ ތެރެއިންވެސް ހެނދުނުގެ ނާސްތާ ނަގާ ގޮތާއި އޭގެ އާދަތަކަކީ އިންސާނާގެ ދިރިއުޅުމުގެ އާދަކާދައާއި، ހަށިގަނޑުގައި ހުރި ސްޓްރެސްގެ މިންވަރާއި އަދި ނަފްސާނީ ދުޅަހެޔޮކަން އަންގައިދޭ މުހިންމު ނިޝާނެއް ކަމަށް ސައިކޮލޮޖިސްޓުން ފާހަގަ ކުރައްވަ އެވެ.

ހިންދުސްތާން ޓައިމްސްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން، ހެނދުނުގެ ނާސްތާއާ މެދު މީހުން ގެންގުޅޭ ތަފާތު އާދަތަކުން އެމީހެއްގެ ނަފްސާނީ ހާލަތު ދެނެގަނެވިދާނެއެވެ.

1. ގަވާއިދުން ފުރިހަމަ ނާސްތާއެއް ނެގުން

ގަވާއިދުން ކޮންމެ ދުވަހަކުވެސް ވަކި ވަގުތެއްގައި ހެނދުނުގެ ނާސްތާ ނެގުމުގެ އާދަ ހުންނަ މީހުންނަކީ އާންމުކޮށް ދިރިއުޅުމުގައި ރޭވުންތެރިކަމާއި، ނިދުމާއި ހޭލުމުގެ ރަނގަޅު އުސޫލުތަކެއް ގެންގުޅޭ މީހުންނެވެ.

މިއީ އެމީހުން އަމިއްލަ ނަފްސަށް ވަގުތުދީ، ސިއްހަތަށް އިސްކަންދޭ ކަމުގެ ނިޝާނެކެވެ. މީގެ އިތުރުން، މިފަދަ އާދަތައް ހުންނަ މީހުންގެ ކިބައިގައި ސްޓްރެސް ކޮންޓްރޯލްކު ރުމުގެ ގާބިލުކަން ބޮޑުކަން ފާހަގަ ކުރެވެ އެވެ.

2. އަވަސް އަރުވާލައިގެން ނުވަތަ ދަތުރުމަތީގައި ނާސްތާ ކުރުން

ހެނދުނު އޮފީހަށް ނުވަތަ މަސައްކަތަށް ދާ މަގުމަތީގައި، އަވަސް އަރުވާލައިގެން ނާސްތާ ކުރުމަކީ ގިނަ ބައެއްގެ އާދަ އެކެވެ. މިއީ ދިރިއުޅުމުގައި އަވަދިނެތި އުޅެން ޖެހުމާއި، ވަގުތު ކުޑަތަންވުމުގެ ސަބަބުން ދިމާވާ ކަމެކެވެ. ސައިކޮލޮޖިސްޓުން ބުނާ ގޮތުގައި މިއީ ހަށިގަނޑުގައި ސައިލެންޓް ސްޓްރެސް ނުވަތަ ސިއްރުވެފައިވާ ނުތަނަވަސްކަމެއް ހުރިކަން އަންގައިދޭ ކަމެކެވެ.

3. ނާސްތާ ނުނަގައި ދޫކޮށްލުން

ގަވާއިދުން ހެނދުނުގެ ނާސްތާ ދޫކޮށްލުމަކީ ހަމައެކަނި ނަފްސާނީ މައްސަލައެއް އޮތުމުގެ ނިޝާނެއް ނޫނެވެ. ނަމަވެސް، މިއީ މީހާގެ ދިރިއުޅުމުގެ ތަރުތީބު ގެއްލިފައިވުން، ނިދި ހަމަ ނުވުން ނުވަތަ ހެނދުނު ގަޑީގައި ނަފްސާނީ ގޮތުން ބޮޑު އިހުސާސެއް ނުވަތަ ޕްރެޝަރެއް އޮތުމުން މެދުވެރިވާ ކަމަކަށް ވެސް ވެދާނެ އެވެ.

4. ކެއުމުގެ ބާވަތްތައް މުހިންމުވާ ސަބަބު

ނާސްތާއަށް އިހްތިޔާރުކުރާ ކާނާގެ ބާވަތްތަކުންވެސް މީހާގެ މޫޑާއި ނަފްސާނީ ހާލަތު އެނގެ އެވެ. މީހާ މާބޮޑަށް ވަރުބަލިވެ، ސްޓްރެސް ބޮޑުވާ ދުވަސްވަރު ގިނައިން ކާން ބޭނުންވަނީ ހަކުރު ނުވަތަ ކާބޯހައިޑްރޭޓްސް ގިނަ އަވަސް ކާނާ އެވެ. އޭގެ ބަދަލުގައި، ފައިދާހުރި މުއްސަނދި ނާސްތާއެއް ތައްޔާރު ކުރުމަށް ވަގުތު ހޭދަކުރުމަކީ އަމިއްލަ ނަފްސަށް ދެވޭ އަޅާލުމެކެވެ.

މާހިރުން ފާހަގަ ކުރައްވާ ގޮތުގައި، ހެނދުނުގެ ނާސްތާގެ އާދައަކީ ސީދާ ނަފްސާނީ ބައްޔެއް ދެނެގަންނަ ޑައިގްނޯސިސްއެއް ނޫނެވެ.

ނަމަވެސް، ހެނދުނު ނާސްތާ ކުރުމަށް ކޮންމެ ދުވަހަކުވެސް މަޑުމައިތިރި، ހަމަޖެހޭ އަދި އަމިއްލަ ނަފްސަށް އިސްކަންދޭ މަދު މިނިޓުކޮޅެއް ހުސް ކުރުމަކީ މުޅި ދުވަހުގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.