ކ. ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެއިން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވަނީ ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ ހުސައިން އެވެ. ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމަވާފައިވަނީ އެ މައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފުރަތަމަ މަރުހަލާގައި ސީދާ ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ ބާވަތުގެ މައްސަލައެއް ކަމަށް ނުވާތީ އެ ކޯޓުގެ އަސްލީ އިހްތިސާސް ލިބިގެންވާ ހާލަތްތަކުގެ ތެރޭގައި ނުހިމެނޭ ކަމަށެވެ.

ކޯޓުތަކުގެ ގާނޫނު ބަޔާންކުރާގޮތުން ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސާސެއް ލިބިގެންވަނީ ގައުމު ދުސްތޫރީ ހުސްކަމަކަށް ގޮސްދާނެ ހާލަތްތަކާއި، ގާނޫނުއަސާސީ މާނަކުރުމާ ގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އުފެދޭ ހިލާފުތަކުގެ އިތުރުން ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ބޮޑެތި ދުސްތޫރީ މައްސަލަތަކުގަ އެވެ. ރަޖިސްޓްރާގެ ނިންމުމާ މެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުން އަލުން ބަލައިދިނުމަށް އެދި 14 ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު މައްސަލަ ހުށަހެޅި ފަރާތަށް ލިބިގެންވެ އެވެ.

އަލީ ހުސައިން ހުށަހެޅުއްވި މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުން، އިންފްރާސްޓްރަކްޗާ މިނިސްޓްރީއާއި އީގަލް ހިލްސްއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ބިން ދޫކޮށްފައިވަނީ ގާނޫނުއަސާސީގެ ކަމާބެހޭ މާއްދާތަކާ ހިލާފަށެވެ. އަދި އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ތިންވަނަ ފަރާތްތަކަށް ބިންތައް ވިއްކުމުގެ ފުރުސަތު ލިބޭގޮތަށް އަދި އިތުރު މުއްދަތުތައް ލިބޭގޮތަށް ކަނޑައަޅާފައިވާ މާއްދާތައް ގާނޫނުއަސާސީއާ ތައާރުޒުވާ ކަމަށް އެ މައްސަލައިގައި ބަޔާންކޮށްފައިވެ އެވެ.

މި އެއްބަސްވުމާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، ސަރުކާރުން ބުނަމުންދަނީ މިއީ ރާއްޖެއަށް ބޮޑު އާމްދަނީއެއް ލިބިގެންދާނެ އަދި ރިސޯޓުތައް ދޫކުރުމުގެ އުސޫލުން ކުރިއަށްގެންދާ މުހިންމު ތަރައްގީގެ މަޝްރޫއެއް ކަމަށެވެ. ނަމަވެސް ބިން ދޫކޮށްފައިވާ އުސޫލުތަކާއި، އެ ރަށުގައި އެޕާޓްމަންޓް ވިއްކުމުގެ ކަންކަން ކުރިއަށްދާގޮތާ މެދު ސިޔާސީ ފަރާތްތަކާއި އާންމުންގެ ކަންބޮޑުވުންތައް ވަނީ ބޮޑުވެފަ އެވެ.