ބޮލީވުޑްގެ މަޝްހޫރު ފިލްމު "ދަ ޑާޓީ ޕިކްޗާ"ގެ ސީކުއެލްއެއް ނުވަތަ ދެވަނަ ބައެއް ގެނެސްދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރު ޔަގީން ކޮށްދީފި އެވެ.

ވިދްޔާ ބާލަން މައި ރޯލުން ފެނިގެންދިޔަ މި ކާމިޔާބު ފިލްމު ރިލީޒް ކުރިތާ 15 އަހަރު ފަހުން، މި ޕްރޮޖެކްޓާ ގުޅޭގޮތުން އެކްތާ ވަނީ ވާހަކަ ދައްކާފަ އެވެ.

ރަންވީރު އައްލާހްބާދިއާގެ ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން އެކްތާ ބުނީ މިއީ އޭނާ ވަރަށް ބޮޑަށް ރާވައިގެން ގެނެސްދޭން އުޅޭ ބޮޑު ފިލްމެއް ކަމަށެވެ. މިފަހަރުވެސް މުހިންމު ވާހަކައެއް ކިޔައިދޭން ބޭނުންވާ ކަމަށް އޭނާ ފާހަގަކުރި އެވެ.

ފުރަތަމަ ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކަމުން އޭނާ ބުނީ "ދަ ޑާޓީ ޕިކްޗާ"އަކީ ސިލްކް ސްމިތާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެއް ކަމަށާއި، އެއީ އޭރު މީހުން ދެކޭގޮތާ ހިލާފަށް އަމިއްލަވަންތަ ކަމަށްޓަކައި ތެދުވި އަންހެނެއްގެ ވާހަކަ ކަމަށެވެ.

އެއާއެކު އޭނާ އެއީ "ވިކްޓިމް" އެއްގެ ގޮތުގައި ނުދެކޭ ކަމަށާއި، އެއީ އޭނާގެ އަމިއްލަ މިނިވަންކަން ފާހަގަކުރި މީހެއްގެ ގޮތުގައި ދެކުނު ފިލްމެއް ކަމަށް އޭނާ ބުންޏެވެ.

ފުރަތަމަ ފިލްމެކޭ އެއްފަދައިން މި ސީކުއެލްގައިވެސް މަޝްހޫރު މީހެއްގެ ހަޔާތުގެ މައްޗަށް ބިނާކޮށް ވާހަކައެއް ގެނެސްދިނުމަށް ވިސްނާފައިވާކަން އެކްތާ އިޝާރާތްކުރި އެވެ.

ނަމަވެސް މި ފިލްމުގެ ކާސްޓާއި، ޑައިރެކްޓަރާއި އަދި ރިލީޒްކުރާނެ ތާރީޚާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.

ޑިސެމްބަރު 2011 ގައި ރިލީޒްކުރި "ދަ ޑާޓީ ޕިކްޗާ"ގައި ވިދިޔާ ބާލަންގެ އިތުރުން ނަސީރުއްދީން ޝާހް، އިމްރާން ހާޝްމީ އަދި ތުޝާރު ކަޕޫރު މުހިންމު ރޯލުތަކުން ފެނިގެންދިޔަ އެވެ. މި ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުޙީބެއް ލިބި، ގިނަ އެވޯޑުތަކެއްވެސް ކާމިޔާބު ކޮށްފައިވެ އެވެ.