ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހެކިބަސް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ހުސައިން މިކަމާމެދު ކަންބޮޑުވުން ފާޅުކުރެއްވީ، ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވާފައިވާ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގަ އެވެ.
މެންބަރު ވިދާޅުވީ، ރާއްޖޭގެ ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ އިސްލާމީ ޝަރީއަތާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ގާނޫނެއް ކަމަށެވެ. އަދި ފާސިގުންގެ ހެކިބަސް ޝަރީއަތަށް ބަލައި ނުގަނެވޭނެ ކަމަށް އެންމެ މަތީ މަރުހަލާގެ ކޯޓު ކަމަށްވާ ސުޕްރީމް ކޯޓުން ނިންމާފައި އޮއްވައި، ދަށު ކޯޓުން އެ ނިންމުމާ ހިލާފަށް ފާސިގެއްގެ ހެކިބަސް ނެގޭނެ ކަމަށް ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ސުޕްރީމް ކޯޓުން ވަކި ގޮތަކަށް ކަނޑައަޅާފައިވާ އުސޫލަކާ ހިލާފަށް ދަށު ކޯޓަކުން އަމަލުކުރާ ނަމަ، އެފަދަ ކަންކަމަށް ގާނޫނީ ގޮތުން ހަރުދަނާ ހައްލަކާއި ފަރުވާއެއް ލިބެން ޖެހޭނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އިސްލާމީ ފިގުހުގެ އުސޫލުތަކަށް އަލިއަޅުއްވާލައްވަމުން ހުސައިން ވިދާޅުވީ، އިސްލާމީ ޝަރީއަތުގައި ހެކިބަސް އަދާކުރާ މީހާގެ އަހުލާގާއި އާންމު ދިރިއުޅުމަށް ވަރަށް ބޮޑަށް ބަލާ ކަމަށެވެ. އެގޮތުން، ހަނަފީ އަދި ޝާފިއީ މަޒްހަބުގައި ނަށާ މީހުންގެ ހެކިބަސް ވެސް ބަލައިނުގަނެވޭކަން އޭނާ ހަނދާންކޮށްދެއްވި އެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ މައްސަލައިގައި، އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމެވީ އިއްޔެ އެވެ. ދިފާއުން އެ ދެ ބޭފުޅުންގެ ހެކިބަސް ބަލައިނުގަތުމަށް އެދުނު ނަމަވެސް، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ އެއީ މައްސަލައިގެ ހަގީގަތް ދެނެގަތުމަށް ނަގަން ޖެހޭ ހެކި ބަހެއް ކަމަށެވެ.
ހެއްކާ ބެހޭ ގާނޫނުގައި ހެކިބަސް ދޭ ފަރާތުގެ އަދުލުވެރިކަމާމެދު ސުވާލު އުފެދޭނަމަ އެއީ ހެކިބަސް ދިނުމުގެ ޝަރުތު އުނިވާ ކަމެއް ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ކާފީ ހެކި ލިބެން ނެތް ހާލަތްތަކުގައި އަދުލުވެރިކަން ފުރިހަމަ ނުވާ މީހުންގެ ހެކިބަސް ވެސް ހާއްސަ ހާލަތްތަކުގައި ބަލައިގަނެވިދާނެ އެވެ. އެހެން ނަމަވެސް، މި މައްސަލައިގައި އެފަދަ ހެކިބަސް ބަލައިގަތުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފު ކަމެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.
އުމުރުން 70ގެ ދުޅަހެޔޮ ކަމަށް މަސައްކަތް ކުރަންވީ މިހާރު!
އެހެން މީހުންނަށް އެހީވުމަކީ ޒުވާންކަން އިތުރުވާ ކަމެއް: ދިރާސާ