ދުބާއީން ފުރައިގެން އިޒްރޭލަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓެއް ހައިޖެކްކޮށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި ބޭރުގައި ހިފެހެއްޓި ދެ ދިވެހި ޕައިލެޓުން ރާއްޖެ އައުމާއެކު، ފުލުހުން ރޭ އެ ދެ މީހުންނާ ސުވާލުކުރުމަށްފަހު އާއިލާއާ ހަވާލުކޮށްފި އެވެ.

އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި އެ ދެ ޕައިލެޓުން ރާއްޖެ އައުމުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށާއި، ނަމަވެސް އެ މީހުންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެ ޕައިލެޓުން ހައްޔަރުކުރި ފަހުން އެތައް ދުވަހެއް ވަންދެން ހަބަރެއް ނުވެ އުޅުމަށްފަހު އެ މީހުން ބަންދުގައި ތިބިކަން އާއިލާތަކަށް އެނގުނީ ދިވެހި އެމްބަސީ މެދުވެރިކޮށެވެ.

ގާތްގަނޑަކަށް 170 އަށްވުރެ ގިނަ ފަސިންޖަރުންނާއެކު ދަތުރުކުރި އެ ފްލައިޓުގެ ކެޕްޓަނަށް ކޯޕައިލެޓް ހަމަލާދިނުމާ ގުޅިގެން، ދަތުރުގެ ތެރެއިން ބޯޓު ވަނީ 17،000 ފޫޓު (5،200 މީޓަރު) ތިރިއަށް ވެއްޓިފަ އެވެ. ނަމަވެސް، ފަސިންޖަރުންގެ އެހީތެރިކަމާއެކު ކޯޕައިލެޓް ހުއްޓުވައި، ބޯޓުގައި ތިބި އިތުރު ދެ ޕައިލެޓުން ވަނީ ސައުދީ އަރަބިއްޔާއަށް ބޯޓު ސަލާމަތްތެރިކަމާއެކު ޖައްސާފަ އެވެ.

މި ހާދިސާގައި އަނިޔާވި އިންޑިއާގެ ރައްޔިތެއް ކަމަށްވާ ކެޕްޓަން ސްމިތު މަޗްހަރަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ އަބޫދާބީއަށް ގެންގޮސްފަ އެވެ. އަދި އޭނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ރިޕޯޓުތައް ބުނެ އެވެ.