ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މަޝްހޫރު ފްރެންޗައިޒް "ހެރީ ޕޮޓާ"ގެ އާ ޓީވީ ސިލްސިލާގެ ފުރަތަމަ ރަސްމީ ޓްރެއިލާ އާންމު ކޮށްފި އެވެ.

އެޗްބީއޯއިން ގެނެސްދޭ މި އާ ރީބޫޓާއެކު ޖާދުވީ އަދި އަނދިރި ހުނަރުތަކުގެ އާ ދުނިޔެއަކަށް ބެލުންތެރިން ގެންގޮސްދޭނެ ކަމަށް ބުނެވެ އެވެ.

ދެ މިނެޓާއި ތިރީސް ހަތް ސިކުންތުގެ ދިގު މި ޓްރެއިލާ ފެށިގެންދަނީ ދަރިވަރުން ހޮގްވާޓްސްއަށް އައުމާއެކު، ޕްރޮފެސަރު މެކްގޮނަގަލް އެ ކުދިން މައި ހޯލަށް ވައްދާ މަންޒަރަކުންނެވެ.

ހެރީ، ރޮން އަދި ހާމިއޮނީ ރޭލެއްގައި ތިބެގެން ހޯގްވާޓްސްއަށް ދަތުރުކުރާ ފުރަތަމަ މަންޒަރުތައް ވެސް އެ ޓްރެއިލާގައި ދައްކުވައިދެ އެވެ.

https://www.instagram.com/harrypotter/?utm_source=ig_embed&ig_rid=AoO1qqE-_9DhM5TzTC1UMfx

މީގެ އިތުރުން ގެތަކަށް ކުދިން ބަހާ "ސޯޓިންގް ސެރެމަނީ"އާއި، ޑަންބަލްޑޯ، މެކްގޮނަގަލް، އަދި ހޭގްރިޑް ފަދަ މަޝްހޫރު ސްޓާފުން ހެރީއަށް ބައްދަލުވާ މަންޒަރުތައް ވެސް ހިމެނެ އެވެ.

މި ސިލްސިލާގައި މައި ތަރިންގެ ގޮތުގައި ހެރީގެ ރޯލުން ޑޮމިނިކް މެކްލޮގްލިން ފެނިގެންދާއިރު، ހާމިއޮނީގެ ރޯލު ކުޅެނީ އަރަބެއްލާ ސްޓެންޓަން އެވެ. ރޮން ވީޒްލީގެ ރޯލުން ފެންނާނީ އެލެސްޓައެރް ސްޓައުޓް އެވެ.

މީގެ އިތުރުން މަޝްހޫރު އެކްޓަރުން ކަމަށްވާ ޖޯން ލިތުގޯ (އަލްބަސް ޑަންބަލްޑޯ)، ޖެނެޓް މެކްޓީރް (މިނަރްވާ މެކްގޮނަގަލް)، ޕާޕާ އެސިއެޑޫ (ސެވަރަސް ސްނޭޕް) އަދި ނިކް ފްރޮސްޓް (ރޫބިއުސް ހޭގްރިޑް) ފަދަ ތަރިން މި ސިލްސިލާގެ މުހިއްމު ރޯލުތަކުން ފެނިގެންދާނެ އެވެ.

ޖޭ.ކޭ. ރޯލިންގްގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ މި ސިލްސިލާ އެޗްބީއޯ އިން ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.