އިސްތިރާތީޖީ ގޮތުން މުހިންމު ހޮރުމުޒް ކަނޑުއޮޅި ކައިރީގައި އީރާނުން "މަނާ ސަރަހައްދެއް" ގާއިމުކުރާނެ ކަމަށް އީރާނުގެ ސަލާމަތީ ކަންކަމާ ބެހޭ އިސްވެރިޔާ މުހްސިން ރެޒާއީ ވިދާޅުވެއްޖެ އެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއަށް ރެޒާއީ ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ހޮރްމުޒް ކަނޑުއޮޅިން ބޭރުގައި މަނާ ސަރަހައްދެއް އިއުލާނު ކުރެވޭނެ ކަމަށެވެ. މި ސަރަހައްދު ފެށޭނީ އެމެރިކާގެ ކަނޑުގެ ސިފައިން ބަންދުކޮށްފައިވާ ރޮނގުން ފެށިގެން ޕާސިއަށް ކަނޑުއޮޅީގެ ބައެއް ސަރަހައްދުތައް ހިމެނޭ ގޮތަށް ކަމަށާއި، މި ސަރަހައްދަށް ވަންނަ ކޮންމެ އުޅަނދެއް އީރާނުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލިސްޓުގައި ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ އިތުރު ހަމަލާތަކަށް އީރާނުން ދޭ ރައްދު ކުރިއަށްވުރެ ވަރުގަދަވާނެ ކަމަށް އީރާނުގެ މަޖިލިސް ރައީސް މުހައްމަދު ބާގިރު ގާލީބާފް ވަނީ އިންޒާރު ދެއްވާފަ އެވެ. މިއީ އެމެރިކާގެ މަނަވަރުތަކަށް އީރާނުން ދިން ހަމަލާތަކަށްފަހު ދެއްވި އިންޒާރެކެވެ.

އީރާނުން ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހިފަހައްޓާފައިވާއިރު، އެމެރިކާއިން ދަނީ އީރާނުގެ ބަނދަރުތައް ބަންދުކޮށްގެން ހިފަހައްޓަމުންނެވެ. މީގެ އިތުރުން އެމެރިކާއިން ދަނީ އީރާނުގެ އިގްތިސާދު އިނދަޖައްސާލުމަށްޓަކައި އެ ގައުމާ މާލީ ގުޅުން އޮންނަ ފަރާތްތަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި އިސްކޮށް އުޅުއްވާ އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް ވިދާޅުވީ، ހަމަހަމަ ރައްދު ދިނުމުގެ ދައުރު މިހާރު ނިމިއްޖެ ކަމަށެވެ. އީރާނުގެ މަސްލަހަތަށާއި ސަލާމަތަށް ދޭ ކޮންމެ ހަމަލާއަކަށް މާ އަވަސް، މާ ވަރުގަދަ އަދި މާ ވޭންދެނިވި ރައްދެއް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އުޅަނދުތަކަށް އަމާޒުކުރި ހަމަލާތައް

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހާމަކުރި ގޮތުގައި، ސެޕްޓެމްބަރު 5 ވަނަ ދުވަހު އީރާނުން އެމެރިކާގެ ދެ މަނަވަރަކަށް ހަމަލާދޭން އުޅެ ވަނީ ނާކާމިޔާބުވެފަ އެވެ. އޭގެ ބަދަލެއްގެ ގޮތުން އެމެރިކާއިން ވަނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އާ ގުޅުންހުރި ތިން ތެޔޮ ޓޭންކަރަކަށް ހަމަލާދީފަ އެވެ.

އެމެރިކާ އަސްކަރިއްޔާއިން އާންމުކުރި ވީޑިއޯތަކުން ފެންނަ ގޮތުގައި، ހަމަލާތަކާއެކު އުޅަނދުތަކުގައި ރޯވެ ބޮޑެތި އަލިފާންގަނޑުތައް ވަނީ އުފެދިފަ އެވެ. ސެންޓްކޮމްއިން ބުނި ގޮތުގައި މި ތިން އުޅަނދަކީ އައިއާރުޖީސީ އަށް ފަންޑުކުރާ ބިލިއަން ޑޮލަރުގެ ނެޓްވޯކެއްގެ ބައެކެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ބުނި ގޮތުގައި، އެ ފަރާތުން ވަނީ ހޮރްމުޒް ކަނޑުއޮޅީގެ ހުއްދަ ނެތް މަގުތަކުން ދަތުރުކުރި ތިން ތެޔޮ ޓޭންކަރަކާއި އެމެރިކާއާ ގުޅުންހުރި އެހެން ތިން އުޅަނދަކަށް ހަމަލާދީފަ އެވެ. އަދި އީރާނުން ހުއްދަ ދީފައިވާ މަގުތައް ފިޔަވައި އެހެން މަގުތަކުން ދަތުރު ނުކުރުމަށް އުޅަނދުތަކަށް ވަނީ އިންޒާރު ދީފަ އެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކުރި ގޮތުގައި، ސެޕްޓެމްބަރު 6 ގެ ކުރީކޮޅު އެ ގައުމުން ވަނީ ކަނޑުއޮޅިއަށް ވަންނަން އުޅުނު އެމެރިކާގެ ޑްރޯންއަކަށް ހަމަލާދީފަ އެވެ. ނަމަވެސް ސެންޓްކޮމްގެ ތަރުޖަމާނު ކެޕްޓަން ޓިމް ހޯކިންސް ވަނީ މިއީ ކަނޑައެޅިގެން ދޮގެއް ކަމަށް ވިދާޅުވެފަ އެވެ.

ސިޔާސީ ނުތަނަވަސްކަން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ މި ހަނގުރާމައިގެ ސީރިއަސްކަން ކުޑަކޮށް ދެއްކުމަށް މަސައްކަތް ކޮށްފަ އެވެ. އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވީ މިއީ ހަނގުރާމައެކޭ ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށެވެ. ރައީސް ޓްރަމްޕްވެސް ވަނީ މިއީ ވަރަށް ކުޑަ ކަމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

ނަމަވެސް އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓް ވިދާޅުވީ، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި، ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންގެ ބާރު ކެނޑެމުންދާތީ، އެ ގައުމުން ބާރުގައި ހިފެހެއްޓުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށެވެ.

ދެ ގައުމުގެ މެދުގައި އޮތް ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ޖުލައި މަހު ރޫޅުނީ ހޮރްމުޒް ކަނޑުއޮޅީގައި އުޅަނދުތަކަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. ޓްރަމްޕް ވަނީ އެ ކަނޑުއޮޅީގެ މިލްކުވެރިކަމަށް ދައުވާކޮށް، އެއީ އެމެރިކާގެ އާ ސަރަހައްދެއްގެ ގޮތުގައި ދައްކުވައިދޭ ޗާޓެއްވެސް އާންމުކުރައްވާފަ އެވެ. ވެންސް ވިދާޅުވީ އީރާނުން އުޅަނދުތަކަށް ދޭ ހަމަލާތައް ހުއްޓާނުލަނީސް އެމެރިކާއިން މަޝްވަރާތައް އަލުން ނުފަށާނެ ކަމަށެވެ.