ބޮލީވުޑްގެ މަޝްހޫރު ބިރުވެރި "ރާޒް" (2002)އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ބަތަލާ މާލިނީ ޝަރްމާ، ފިލްމީ ދާއިރާ ދޫކޮށްލި ސަބަބު ހާމަކޮށްފި އެވެ.

2000ގެ އަހަރުތަކުގެ ކުރީކޮޅު ނުހަނު މަޝްހޫރުވި މާލިނީ "ރާޒް" ފިލްމުގެ ކާމިޔާބީއަށްފަހު ކުއްލިއަކަށް ފިލްމީ ދާއިރާއިން ގެއްލުނީ ކީއްވެގެންތޯ ފޭނުން ސުވާލު ކުރުމުން، އޭނާ ވަނީ ސޯޝަލް މީޑިއާގައި އެކަމަށް ޖަވާބުދީފަ އެވެ.

އޭނާ ބުނި ގޮތުގައި، އަސްލު އޭނާ ގެއްލުނީއެއް ނޫނެވެ. ފިލްމީ ދާއިރާ ދޫކޮށްލުމުގެ ކުރިން ކެމެރާ ފުރަގަހުގައި ބައެއް މަސައްކަތްތައް ކުރި ކަމަށާއި، ދެން ދިރިއުޅުމަށް އައި ބަދަލުތަކާއެކު ކުދިން ބަލަން ޖެހުމުން އެކަމުގައި އަވަދިނެތި އުޅެން ޖެހުނީ ކަމަށް އޭނާ ހާމަކުރި އެވެ.

"ތެދަށް ބުނާނަމަ، އަހަރެން ގެއްލުނީކީނެއް ނޫން. ކެމެރާ ފުރަގަހުގައި ކުޑަ ދުވަސްކޮޅަކު މަސައްކަތްކުރިން. ދެން އަހަރެންގެ ދިރިއުޅުމަށް ދަރިން އައުމުން، އެކުދިން ބަލަން އަހަރެން ބިޒީވީ،" ފޭނަކު ކުރި ސުވާލަކަށް ޖަވާބުދެމުން މާލިނީ ލިޔެފައިވެ އެވެ.

މީގެ އިތުރުން، އޭނާ ފިލްމީ ދާއިރާއަށް ވަނީ ކޮންމެހެންވެސް ބަތަލާއަކަށް ވުމުގެ ބޮޑު ޝައުގުވެރިކަމެއް އޮވެގެން ނޫން ކަމަށްވެސް މާލިނީ ފާހަގަކުރި އެވެ.

"'ރާޒްއަކީ ކުއްލިއަކަށް ދިމާވި ކަމެއް. ފިލްމު ނުކުތުމަށްފަހު، ކުއްލިއަކަށް ސަމާލުކަން ލިބުމުން ދެން ހަދާނެ ގޮތެއް ނޭނގުނު. އެހެންވެ މަޑުޖެހިލަން ނިންމީ" އޭނާ ބުންޏެވެ.

ފިލްމީ ދާއިރާއަށް އަނބުރާ އައުމާ ގުޅޭގޮތުން ސަޕޯޓަރަކު ސުވާލު ކުރުމުން މާލިނީ ދީފައިވަނީ ހައިރާން ކުރުވަނިވި ޖަވާބެކެވެ. އޭނާ ބުނީ ތަގުދީރުގައި ވާނަމަ އެކަން ވާނެ ކަމަށެވެ. މި ޖަވާބުން އޭނާ އެކަން މުޅިން ދޮގު ނުކުރާކަން އެނގިގެންދެ އެވެ.

މާލިނީ ޝަރްމާ މިހާރު ދިރިއުޅެމުންދަނީ ބޮލީވުޑްގެ ކުލަގަދަ ދުނިޔެއާ ވަރަށް ދުރުގައި، އިންޑިއާގެ މަހަރާޝްތްރާގެ ސަހްޔާދްރީ ފަރުބަދަމަތީ ސަރަޙައްދުގައި ވަރަށް ހަމަޖެހޭ ދިރިއުޅުމެކެވެ. އެ ސަރަހައްދުގައި އޭނާ ވަނީ "ދަ ސްލޯ ލޯކަލް"ގެ ނަމުގައި ފާމްސްޓޭއެއް ހިންގައި، ގުދުރަތީ ވެއްޓާ އެކުއެކީގައި އަމިއްލައަށް ތަކެތި ހައްދައިގެން ދިރިއުޅުމެއް އާރާސްތުކޮށްފަ އެވެ.

ފަހަކަށް އައިސް އޭނާގެ މި އާ ދިރިއުޅުމުގެ ވާހަކަތައް މީޑިއާގައި ދެކެވެން ފެށުމާއެކު، އޭނާގެ ސޯޝަލް މީޑިއާ ފޮލޯވަރުންގެ އަދަދު ވަނީ ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވެ ފައެވެ. ފޭނުންގެ ފަރާތުން ލިބެމުންދާ ލޯތްބާއި ތަޢުރީފަށް މާލިނީ ވަނީ ވަރަށް ބޮޑަށް ޝުުކުރު އަދާކޮށްފަ އެވެ.