މާ ލަސްކޮށް، ހާއްސަކޮށް 9 ޖެހުމުގެ ފަހުން ރޭގަނޑުގެ ކެއުން ކެއުމުގެ އާދައަކީ ހިތުގެ ސިއްހަތަށް ނުރައްކާތެރި ކަމަކަށް ވެދާނެ ކަމަށް ކާޑިއޮލޮޖިސްޓުން (ހިތުގެ ބަލިތަކާ ބެހޭ ޑޮކްޓަރުން) އިންޒާރުދީފި އެވެ.
މިފަދަ ލަސް ވަގުތުތަކުގައި ކެއުމުން ހަށިގަނޑުގެ އެތެރޭގެ ގަޑިއަށް ނުވަތަ "ސާކޭޑިއަން ރިދަމް"އަށް ބުރޫއަރައި، މެޓަބޮލިޒަމް އަދި ލޭގެ ޕްރެޝަރަށް ނޭދެވޭ އަސަރުކުރާ ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.
ފޯޓިސް ހޮސްޕިޓަލްގެ ސީނިއާ ޑިރެކްޓަރ އަދި ހިތުގެ ބަލިތަކާ ބެހޭ އިސް ވެރިޔާ ޑރ. ސަންޖީވް ގެރާ ފާހަގަ ކުރައްވާފައިވާ ގޮތުގައި އިންސާނާގެ ހަށިގަނޑު މަސައްކަތް ކުރަނީ 24 ގަޑިއިރުގެ ގުދުރަތީ ބަޔޮލޮޖިކަލް ގަޑިއަކަށް ބިނާކޮށެވެ.
މި ގަޑިން ނިދުމާއި، ހޯމޯންތައް ކޮންޓްރޯލް ކުރުމާއި، ލޭގެ ޕްރެޝަރާއި އަދި މެޓަބޮލިޒަމް ހިންގައިދެ އެވެ. ނަމަވެސް، ލަސް ވަގުތުތަކުގައި ކެއުމުން މި ނިޒާމަށް ބުރޫއަރައި ހަކުރުގެ މިންވަރު ހިފެހެއްޓުމަށާއި އިންސުލިންގެ މަސައްކަތަށް ހުރަސްއެޅެ އެވެ.
ޖުމްލަ 103,000 އަށްވުރެ ގިނަ މީހުން ހިމަނައިގެން ކުރެވުނު ބޮޑު ދިރާސާއަކުން ދައްކާފައިވާ ގޮތުގައި، ގަވާއިދުން ރޭގަނޑު 9 ޖެހުމުގެ ފަހުން ކައިބޮއެ ހަދާ މީހުންނަށް ސެރެބްރޯވަސްކިއުލާ ޑިޒީޒް (ސިކުނޑިއަށް ލޭ ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތަކާއި ސްޓްރޯކް ޖެހުން ފަދަ ކަންކަން) ޖެހުމުގެ ފުރުސަތު ބޮޑެވެ.
ރޭގަނޑު 8 ޖެހުމުގެ ކުރިން ކައި ނިންމާ މީހުންނާ އަޅާބަލާއިރު، 9 ޖެހި ފަހުން ކާ މީހުންނަށް މިފަދަ ނުރައްކާތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަން ދިރާސާތަކުން ދައްކާފައިވެ އެވެ.
ހިތުގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް:
- ލޭގެ ޕްރެޝަރާއި މެޓަބޮލިޒަމަށް ބާރުބޮޑުވުން: ރޭގަނޑު ވަގުތަކީ ހަށިގަނޑު އަރާމުކޮށް، ލޭގެ ޕްރެޝަރު ދަށްވެ، ހަށިގަނޑު ހަމައަކަށް އެޅެންޖެހޭ ވަގުތެކެވެ. ނަމަވެސް ލަހުން ކެއުމުން ހަޖަމު ކުރުމުގެ ނިޒާމު ހަރަކާތްތެރިވަމުން ގޮސް ލޭގެ ޕްރެޝަރު މަތީގައި ހުންނަގޮތް މެދުވެރިވެ އެވެ.
- ނިދި ހަލާކުވުން އަދި އެސިޑިޓީ މައްސަލަ ދިމާވުން: ލަހުން ކެއުމަށްފަހު އަވަހަށް އޮށޯތުމުން ހަޖަމު ނުވުމާއި އެސިޑިޓީގެ މައްސަލަތައް ކުރިމަތިވެއެ ވެ. މިއީ ނިދީގެ ފެންވަރު ދަށްކޮށްލާ، ހިތުގެ ވިންދު އަވަސް ވުމަށް މެދުވެރިވާ ކަމެކެވެ.
- ހަކުރުބައްޔާއި ލޭ މައްޗަށް ދިއުމުގެ ނުރައްކާ: ރޭގަނޑު ވަގުތު ހަށިގަނޑުން ގުލްކޯޒް ޕްރޮސެސްކުރުމުގެ ގާބިލުކަން ކުޑަވާތީ، ގަވާއިދުން ލަހުން ކެއުމަކީ ޓައިޕް 2 ހަކުރުބައްޔާއި ލޭމައްޗަށް ދިއުމުގެ މައްސަލަ ކުރިމަތިވެދާނެ ސަބަބެކެވެ.
ކެއުން އެންމެ ރަނގަޅީ ކޮން ގަޑިއަކު؟
ޑޮކްޓަރުން ލަފާދޭގޮ ތުގައި ސިއްހަތު ދުޅەހެޔޮކޮށް ބެހެއްޓުމަށްޓަކައި ރޭގަނޑުގެ ކެއުން ވީހާވެސް އަވަހަކަށް، ހާއްސަކޮށް ހަވީރު 5 އާއި ރޭގަނޑު 8 އާ ދެމެދުގެ ވަގުތެއްގައި ކެއުން އެންމެ ރަނގަޅެވެ.
އެއާއެކު ކެއުމާއި ނިދުމާ ދެމެދު މަދުވެގެން 2 ނުވަތަ 3 ގަޑިއިރުގެ ވަގުތުކޮޅެއް ބޭއްވުމަކީ ހަޖަމު ކުރުމުގެ ނިޒާމަށް ލިބޭ ބޮޑު ލުޔެކެވެ.
މީގެއިތުރުން، ރޭގަނޑު ކާއިރު ތެލާއި ކާބޯހައިޑްރޭޓް މަދު، ލުއި ކާނާ ބޭނުން ކުރުމަކީ ހިތުގެ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ކަމެކެވެ.
"ރާޒް"ގެ ކާމިޔާބީއަށްފަހު މާލިނީ ބޮލީވުޑް ދޫކޮށްލީ ކީއްވެ؟
20 އަހަރަށްފަހު ރާނީއާއި އަބީޝޭކް އެކުގައި ބޮޑު ސްކްރީނަށް!
ހުރިހާ ދިވެހީންނަށް ހިއްސާ ލިބޭ ރިސޯޓު އަޅަނީ