ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި ނެށުންތެރިޔާ ނޯރާ ފަތޭހީގެ ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތަކަކާ ގުޅިގެން، އޭވިއޭޝަން ކުންފުންޏަކުން އޭނާގެ މައްޗަށް ތިން ކްރޯޑު ރުޕީސް (30 މިލިއަން ރުފިޔާ)ގެ ސިވިލް އަބުރުގެ ދަޢުވާއެއް އުފުލައިފި އެވެ.

މި މައްސަލަ ފެށިގެން އައީ، ފާއިތުވި އަހަރުގެ ޑިސެމްބަރު މަހު މުމްބާއީއިން ޖައިޕުރަށް ކުރި ދަތުރެއްގައި، "ޑިއުންސް އޭވިއޭޝަން" ކުންފުނީގެ ޗާޓަޑް ބޯޓެއްގައި ނޯރާ ފާތެހީ ނެގި ވީޑިއޯތަކަކާ ގުޅިގެންނެވެ.

އެ ވީޑިއޯތަކުގައި އޭނާ ވަނީ އެ ބޯޓަކީ ކުޅޭކުޅޭ އެއްޗެއް ކަމަށާއި، "ލެގޯ" ކުޅޭބޯޓަކާ ވައްތަރު ކުޑަކުޑަ އެއްޗެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި (އިންސްޓަގްރާމްގައި) ހިއްސާ ކޮށްފައިވެ އެވެ.

ނޯރާގެ އިންސްޓަގްރާމްގައި ގާތްގަނޑަަކަށް 4.6 ކްރޯޑަށްވުރެ ގިނަ ފޮލޯވަރުން ތިބުމާއެކު، މި ވީޑިއޯ ވަރަށް ބޮޑަށް ވައިރަލް ވެގެންދިޔަ އެވެ.

ޑިއުންސް އޭވިއޭޝަން ކުންފުނިން ބުނިގޮތުގައި، އެއްވެސް ފަންނީ އިލްމެއް އަދި ޙަޤީޤަތް ބެލުމެއް ނެތި ނޯރާ ދެއްކި މި ޒިންމާދާރުކަން ކުޑަ ވާހަކަތަކުގެ ސަބަބުން ކުންފުނީގެ އަބުރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

އެއާއެކު މި ވާހަކަތަކުގެ ސަބަބުން ކުންފުނީގެ ބުކިންގްތައް 15 އާއި 20 ޕަސެންޓްއާ ދެމެދުގެ މިންވަރަކަށް ދަށަށް ގޮސް، ބުކިންގް ކެންސަލްކުރާ މިންވަރު އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ތުހުމަތުކުރެ އެވެ.

މި މައްސަލައިގައި އެ ކުންފުނިން ވަނީ ތިން ކްރޯޑު ރުޕީސްގެ ބަދަލު ހޯދުމަށް އެދިފަ އެވެ. މީގެ އިތުރުން، އެ ބޯޓާ ގުޅޭގޮތުން ނޯރާ ޝާއިއު ކޮށްފައިވާ އެފަދަ ވީޑިއޯތަކާއި ޕޯސްޓުތައް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވަގުތުން ނަގައި، އެކަމާ ގުޅޭގޮތުން އާންމުކޮށް މައާފަށް އެދުމަށް ވެސް ކޯޓުގައި އެދިފައިވެ އެވެ.

މި މައްސަލައިގެ އަޑުއެހުންތައް ގެންދިއުމަށް ހަމަޖެހިފައިވަނީ ގާންދީނަގަރުގެ ސީނިއާ ސިވިލް ކޯޓުގަ އެވެ. މި މައްސަލައިގެ ފުރަތަމަ އަޑުއެހުމެއް އޮންނާނީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އޭވިއޭޝަން ކުންފުނިން އިތުރަށް ބުނީ، އެމީހުން ބޭނުންކުރި ބޯޓަކީ ޑީ.ޖީ.ސީ.އޭގެ ހުރިހާ ހުއްދައެއް ލިބިފައިވާ، ރައްކާތެރކަން ކަށަވަރުވެފައިވާ އަދި ގާނޫނީ މިންގަނޑުތަކުގެ ތެރޭގައި ވައިގެ ދަތުރުފަތުރު ކުރުމުގެ ހުއްދަ އޮތް ރަނގަޅު ފެންވަރުގެ ބޯޓެއް ކަމަށެވެ.