ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށިއްޖެ ނަމަ، ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން އަންގާ ގޮތަށް ކަމަށް ވިދާޅުވެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތް ފެށުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. މި ބައްދަލުވުމުގައި އޭނާ ވަނީ ރަސްމާލެ މަޝްރޫއުގެ ސަބަބުން ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ކުރާނެ އަސަރުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ޒިޔާދު ވިދާޅުވީ މި މަޝްރޫއުގެ ނުފޫޒު މިހާރު ވެސް ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ވަދެފައިވާ ކަމަށެވެ. އެގޮތުން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަކަށް ބަހުސް ކުރަން ފުރުސަތު ނުދިނުމަށްޓަކައި މަޖިލީހުގެ ގަވާއިދަށް ކުއްލި ބަދަލުތަކެއް ގެންނަން އުޅޭ މައްސަލައަށް އޭނާ އިޝާރާތް ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އީގަލް ހިލްސް މަޝްރޫއު ރަސްމީކޮށް ނުފެށެނީސް ވެސް ނުފޫޒު ފޯރުވަމުންދާއިރު، މާދަމާ ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ހަދަން ޖެހޭނީ ރައްޔިތުން އެދޭ ގޮތަށް ނޫން ކަމަށާއި އެ ކުންފުނިން އަންގާ ގޮތަށް ކަމަށެވެ. އަދި މިއަދު ފެންނަމުން ދަނީ އެކަމުގެ ކުޑަކުޑަ މިސާލެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މި މަޝްރޫއާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ޒިޔާދު ވިދާޅުވީ، މިއީ ދޮގަކުން ފެށިގެން އައި ކަމެއް ކަމަށެވެ. ސަރުކާރުން ފުރަތަމަ ބުނީ ބިމުން އިންޗިއެއް ވެސް ދޫނުކުރާނެ ކަމަށާއި، ނަމަވެސް މިހާރު 500 ހެކްޓަރު ދޭން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ހުޅުމާލޭގެ 2 ފޭސް ވަރުގެ ބޮޑު ސަރަހައްދެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ޒިޔާދުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިކުރުވުމެވެ. އޭނާ ވިދާޅުވީ މިއީ ރިސޯޓުތައް ކުއްޔަށް ދޭ އުސޫލުން ކުރާ ކަމެއް ނޫން ކަމަށާއި، މިއީ ބޭރު ބަޔަކު އައިސް މިތަނުގައި ދިރިއުޅެން ފެށުން ކަމަށެވެ.

އެގޮތަށް ބަޔަކު ވަޒަންވެރިވުމުން އެ މީހުންގެ އަމިއްލަ ސްކޫލްތަކާއި، އެ މީހުން އަޅުކަންކުރާ ގޮތަށް އަޅުކަންކުރުމުގެ ފުރުސަތު ވެސް ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި މިހާރު ވެސް ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިން ކުރާ ކުދިކުދި ކަންތައްތައް ނުހުއްޓުވޭ އިރު، މަލްޓި މިލިއަނަރުން އައިސް ވަޒަންވެރިވުމުން ކަންތައްތައް ވާނެ ގޮތާމެދު ބޮޑެތި ސުވާލުތަކެއް އުފެދެ އެވެ.