ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކަމުންދާ ބިމުގެ ބޮޑު ސަރަހައްދެއް ބޭރުގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، "ދިވެހިންގެ ބިން ދިވެހިންނަށް" މި ނަމުގައި ގައުމީ ހަރަކާތެއް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
މި ހަރަކާތް އިފްތިތާހު ކޮށްދެއްވަމުން ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވީ، މިއީ ރަސްމާލެ މަޝްރޫއާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުން އުފެދެމުން އައި ކަންބޮޑުވުންތަކާއި ވަކިވަކި އަޑުތައް އެއްގަލަކަށް އަރުވައި، ގައުމީ މަސައްކަތެއްގެ ގޮތުގައި ފެށި ވަރުގަދަ ހަރަކާތެއް ކަމަށެވެ. އަދި އީގަލް ހިލްސް ކުންފުންޏަށް އެ ބިން ދޫކޮށްލަން ނިންމި ނިންމުން ބާތިލުކުރަންދެން މި މަސައްކަތް ކުރިއަށްދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
މި ހަރަކާތް ފަށަން މެދުވެރިވި ސަބަބުތައް ހާމަކުރައްވަމުން އިމްރާން ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދުފުޅުތަކާ މުޅިން ހިލާފަށް މިއަދު ފެންނަނީ ރައްޔިތުންނަށް އޮޅުވާލައި ބޮޑު "ސްކޭމެއް" ހިންގަމުންދާ މަންޒަރު ކަމަށެވެ. އެގޮތުން، ދިވެހި ދައުލަތުގެ ބަޖެޓުންނާއި ރައްޔިތުންގެ ފައިސާއިން 500 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހަރަދުކޮށްގެން ހިއްކާ ބިމުގެ ތެރެއިން، ވެރިރަށް މާލެއާ މިހާ ކައިރިން 500 ހެކްޓަރުގެ ބިން ބޭރު ބަޔަކަށް މިލްކުވާ ގޮތަށް ދޫކޮށްލުމަކީ ދިވެހި އެއްވެސް ރައްޔިތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން އިމްރާން ތުހުމަތު ކުރެއްވި ގޮތުގައި، މިއީ ހަމައެކަނި ސިޔާސީ ކަމެއް ނޫނެވެ. މިއީ ދިވެހިންގެ ސިޔާދަތާއި ބާރުވެރިކަން ނިގުޅައިގަނެ، ޒަޔަނިސްޓުންގެ އަތްމައްޗަށް ރާއްޖޭގެ ބިންތައް ދޫކޮށްލުމަށްޓަކައި ރައީސް މުއިއްޒުގެ އަމިއްލަ މަސްލަހަތުތަކެއް އިސްކުރައްވައިގެން ހިންގަވާ ވަރަށް ނުރައްކާތެރި ބޮޑު ޖަރީމާއެކެވެ. ދިވެހިންގެ ބޮޑު އަޣުލަބިއްޔަތެއް މިކަން މިގޮތަށް ގަބޫލުކުރާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރަސްމާލެ މަޝްރޫއާ މެދު ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ގުޅިގެން އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި ޕީއެންއެފްގެ އިތުރުން، ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންނާއި އާންމު ރައްޔިތުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުގެ މައިގަނޑު މަގުސަދަކީ މި ހުރިހާ ފަރާތްތައް ގުޅިގެން އެއް އަޑަކުން މަސައްކަތްކޮށް، ގައުމީ ފެންވަރުގައި މި ނިންމުން ބަދަލުކުރުން ކަމަށް އިމްރާން ފާހަގަކުރެއްވި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމާ ގުޅޭގޮތުން ނޫސްވެރިންނާއި ދިރާސާކުރާ ފަރާތްތަކުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް އަލިއަޅުއްވާލައްވަމުން އިމްރާން ވިދާޅުވީ، ދިވެހި ތާރީހުގައި ގައުމަށް ހިޔާނާތްތެރިވި ކޮންމެ ދަނޑިވަޅެއްގައިވެސް ދިވެހި ރައްޔިތުން ނުކުމެ ގައުމު ސަލާމަތްކޮށްފައިވާ ކަމަށެވެ. އަދި މިފަހަރުވެސް ރައްޔިތުން ތިބީ ގައުމުގެ ބިން ބީވެގެންދާތަން ބަލަން ނޫން ކަމަށާއި، މިކަމުގައި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއް އޮތް ކަމަށް ވިދާޅުވި އެވެ.
އިމްރާން ވަނީ ހުރިހާ ސިޔާސީ ޕާޓީތަކާއި، މަދަނީ ޖަމިއްޔާތަކާއި، ވިޔަފާރިވެރިން އަދި ސަލާމަތީ ހިދުމަތްތަކުގައި ތިއްބެވި ގައުމުދެކެ ލޯބިވާ ހުރިހާ ދިވެހި ދަރިން މި ގައުމީ ހަރަކާތާ ގުޅިވަޑައިގަތުމަށް އިލްތިމާސްކުރައްވާފަ އެވެ.
އެމެރިކާއިން ހަމަލާދީފިނަމަ ބޮޑެތި ގެއްލުންތަކެއް ދޭނަން: އީރާން
30ގެ އަހަރުތަކުގައި މާބަނޑުވުން: އާއްމު ސުވާލުތަކާއި ޖަވާބު!
ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުން ވޭޕްއަށް ދެވިހިފަނީ ކީއްވެ؟