މެންދުރު ކެއުމަށްފަހު ގިނަ ފަހަރަށް މީހުންނަށް ނިދިޖެހޭ ނުވަތަ ވަރުބަލިވާކަން ފާހަގަވެ އެވެ. މިއީ އާންމުކޮށް ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ.

ޕެއްސަކޮށް ބަރުކޮށް ނުވަތަ ކާބޯހައިޑްރޭޓް އަދި ހަކުރު ގިނަ ކާނާ ކެއުމަށްފަހު މިކަން އިތުރަށް ބޮޑުވެ އެވެ. މެންދުރުގެ ކެއުމަށްފަހު ނިދި އަންނަ މައިގަނޑު ސަބަބުތަކާއި އެ ވަގުތު ހަށިގަނޑުގެ އެތެރޭގައި ހިނގާ ކަންކަމަށް ބަލާލާނަމެވެ.

1. ލޭގެ ދައުރުވުމަށް އަންނަ ބަދަލު

ގިނައިން ކެއުމަށްފަހު، ހަށިގަނޑުގެ ހަޖަމު ކުރުމުގެ ނިޒާމަށް ގިނަ އަދަދަކަށް ލޭ ބޭނުންވެ އެވެ. މިކަމުގެ ސަބަބުން ސިކުނޑިއަށާއި މަސްތަކަށް ދައުރުވާ ލޭގެ މިންވަރު ކޮންމެވެސް ވަރަކަށް މަދުވެ، މީހާއަށް ވަރުބަލިކަމާއި ނިދި އަންނަ ގޮތް އިހުސާސްވެ އެވެ.

2. ހޯމޯންގެ ބަދަލުތައް

ކާބޯހައިޑްރޭޓްސް އަދި ހަކުރު އެކުލެވޭ ކާނާ ކެއުމުން ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު ވަރަށް ބޮޑަށް މައްޗަށް ދެ އެވެ. މިއާއެކު ހަށިގަނޑުން 'އިންސިއުލިން އުފައްދާ މިންވަރު އިތުރުވެ އެވެ. އިންސުލިންގެ ސަބަބުން ސިކުނޑިއަށް "ސެރޮޓޮނިން" އަދި "މެލަޓޮނިން" ފަދަ ނިދި އަންނަން މެދުވެރިވާ ކެމިކަލްތައް ފޮނުވާ މިންވަރު އިތުރު ކުރުވަ އެވެ.

3. ހަށިގަނޑުގެ ގަޑި (ސާކޭޑިއަން ރިދަމް)

އިންސާނުންގެ ބަޔޮލޮޖިކް ގަޑިން ނުވަތަ ސާރކޭޑިއަން ރިދަމްއިން މެންދުރު 1 އާއި 3 އާ ދެމެދުގެ ވަގުތަކީ ހަށިގަނޑުގެ ހަކަތަ ކުޑަކޮށް ދަށްވެ، ނިދީގެ އަސަރު ކުރުވާނެ ވަގުތެއްގެ ގޮތުގައި ކަނޑައެޅިފައިވާ ވަގުތެކެވެ. މިއީ މެންދުރުގެ ވަރުބަލިކަން އިހްސާސްވުމަށް މެދުވެރިވާ އަނެއް ސަބަބެވެ.

މިކަމުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަމަކީ ކޮބާ؟

  • މެންދުރު ކެއުމުގައި ހަކުރާއި ކާބޯހައިޑްރޭޓްސް މަދުކޮށް، ތާޒާ ތަރުކާރީއާއި ޕްރޮޓީން ހިމެނުން.
  • އެއްފަހަރާ ގިނައިން ކެއުމުގެ ބަދަލުގައި މަދު މަދުން ކެއުން.
  • ކެއުމަށްފަހު ކުޑަކޮށް ހިނގާލުން ނުވަތަ ކަސްރަތު ކޮށްލުން.
  • ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބުއިން.

ކެއުމަށްފަހު ވަގުތުން ނިދުމަކީ ސިއްހަތަށް ގެއްލުންހުރި ކަމަކަށް ވާއިރު ކެއުމަށްފަހު ނިދި އަންނަ ސަބަބު ދެނެގަނެ އެކަމުން އަރައިގަތުމަށް މަސައްކަތް ކުރުމަކީ މުހިއްމު ކަމެކެވެ.