އެމެރިކާއިން އީރާނަށް ހަމަލާދީފިނަމަ، އެމެރިކާއަށާއި އެމެރިކާގެ ބައިވެރިންނަށް ބޮޑެތި ގެއްލުންތަކެއް ދޭނެކަމުގެ އިންޒާރު އީރާނުގެ އާ ޑިފެންސް މިނިސްޓަރު ދެއްވައިފި އެވެ.
އީރާނުގެ ޑިފެންސް މިނިސްޓަރުކަމުގެ މަގާމަށް އަލަށް އައްޔަންކުރެއްވި މެހެރްދާދު އަހްލާގީ އާދީއްތަ ދުވަހު ވިދާޅުވީ، އެމެރިކާއިން އީރާނާ ދެކޮޅަށް އަސްކަރީ ހަރަކާތްތައް އަލުން ފަށައިފިނަމަ، އެމެރިކާއަށާއި މެދުއިރުމަތީގައިވާ އެ ގައުމުގެ ބައިވެރިންނަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ހަމަލާދޭން އެމީހުންނަށް ކެރޭނެ ކަމާމެދު ޝައްކު އުފެދޭ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަން. އެހެންނަމަވެސް، އެމެރިކާއިން އެފަދަ ކަމެއް ކޮށްފިނަމަ، އެމީހުންނަށާއި މުޅި ސަރަހައްދަށް ވެސް އިންތިހާއަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ،" ޕާލަމެންޓުގެ އިތުބާރުގެ ވޯޓު ކާމިޔާބު ކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އަހްލާގީ ވިދާޅުވި އެވެ.
އެމެރިކާއާއެކު ފެށުނު ހަނގުރާމައިގެ ފުރަތަމަ ދުވަހު އީރާނުގެ ކުރީގެ ޑިފެންސް މިނިސްޓަރު އަވަހާރަވުމާ ގުޅިގެން، ހުސްވެފައިވާ އެ މަގާމަށް އަހްލާގީ އައްޔަންކުރުމަށް އީރާނުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ރުހުން ދީފަ އެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްލާމިކް ކޮންސަލްޓޭޓިވް އެސެމްބްލީ (ޕާލަމެންޓް) ގެ މެންބަރުން ވަނީ ދިފާއީ އަދި ހަތިޔާރުގެ ކަންކަމާ ބެހޭ ވަޒީރުގެ މަގާމަށް ހުށަހެޅި މެހެރްދާދު އަހްލާގީއަށް މިއަދު އިތުބާރުގެ ވޯޓު ދެއްވާފަ އެވެ. މިއީ އެމެރިކާއާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކަށް އަށް މަސް ދުވަސް ވެފައިވަނިކޮށެވެ.
ސަރުކާރުގެ ރަސްމީ ވެބްސައިޓުގައިވާ ގޮތުން، އަހްލާގީ މި މަގާމަށް އިންތިހާބުވެވަޑައިގަތީ ވޯޓުލީ 277 މެންބަރުންގެ ތެރެއިން 237 މެންބަރުންގެ ތާއީދާއެކުގަ އެވެ.
އަހްލާގީ މި މަގާމާ ހަވާލުވެވަޑައިގަތީ، ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން އީރާނުގެ ލީޑަޝިޕް ކޮމްޕައުންޑަށް ދިން ހަމަލާއެއްގައި އަވަހާރަވި އަޒީޒް ނާސިރުޒާދާގެ ބަދަލުގަ އެވެ. އެ ހަމަލާގައި އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީގެ އިތުރުން އަސްކަރިއްޔާގެ އިސް ކޮމާންޑަރުން ވެސް ވަނީ އަވަހާރަވެފަ އެވެ.
އިސްނާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވޯޓުގެ ކުރިން ވާހަކަދައްކަވަމުން އަހްލާގީ ވިދާޅުވީ، މަޖިލީހުގެ ރުހުން ލިބިއްޖެނަމަ، ދިފާއީ ވުޒާރާއާ އޭނާ ހަވާލުވެވަޑައިގަންނަވަނީ ގައުމަށް ވަރަށް ނާޒުކު ދަނޑިވަޅެއްގައި ކަމަށެވެ.
"މިފަދަ ހާލަތެއްގައި ގައުމު ދިފާއުކުރުމަށްޓަކައި، ވަށައިގެންވާ މާހައުލު ރަނގަޅަށް ދެނެގަތުމާއި، ކަންކަން ބަދަލުވަމުންދާ ގޮތުގެ ފަހަތުގައިވާ ސަބަބުތައް ދެނެގަތުމާއި، ނުފޫޒުގަދަ މިސްރާބުތައް ދެނެގަނެ، ކުރިމަތިވެދާނެ އެކި ހާލަތްތަކަށް ތައްޔާރުވެ އޮތުން މުހިންމު،" އޭނާ ވިދާޅުވި އެވެ.
އަސްކަރީ ރޭންކެއް ނެތް ނަމަވެސް، އަހްލާގީ ވަނީ ދިފާއީ ވުޒާރާގައި 42 އަހަރު ހިދުމަތް ކުރައްވާފަ އެވެ. އަދި 2013 ވަނަ އަހަރުން ފެށިގެން އޭނާ ގެންދަވަނީ އީރާނުގެ ދައުލަތުގެ ހަތިޔާރު އުފައްދާ ކުންފުނި ކަމަށްވާ އީރާނިއަން ޑިފެންސް އިންޑަސްޓްރީޒް އޯގަނައިޒޭޝަންގެ އިސްވެރިޔާގެ މަގާމު ފުރުއްވަމުންނެވެ.
އީރާނުގެ ނިއުކްލިއާ އަދި ބެލިސްޓިކް މިސައިލްގެ މަސައްކަތްތަކުގައި ބައިވެރިވާ ކަމަށް ތުހުމަތުކޮށް، 2007 ވަނަ އަހަރު އދ. އިން ވަނީ އަހްލާގީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ.
ރަސްމާލެ ޕްރޮޖެކްޓް މިހާރު އޮތްގޮތަށް ހުއްޓުވުމަކީ ދީނީ ވާޖިބެއް
ޔޫކޭއަށް ދަތުރުކުރާ ދިވެހިން އީޓީއޭއަށް ސަމާލުވާން އެދިއްޖެ
ޓައިގާ ޝްރޮފްއަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދީފި