ސިންގަޕޫރުގެ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރަ 9 އިންސައްތައާ ހަމައަށް ބޮޑުކުރުމަށް ނިންމަވާފައިވާ ކަމަށާއި، މީގެ ސަބަބުން އެންމެ ދަށް ފަންތީގެ (އެމްއާރް4 ގްރޭޑް) ވަޒީރެއްގެ އަހަރީ މުސާރަ ގާތްގަނޑަކަށް 1.2 މިލިއަން ސިންގަޕޫރު ޑޮލަރަށް އުފުލޭނެ ކަމަށް ބޮޑުވަޒީރު ލޯރެންސް ވަންގް އަންގާރަ ދުވަހު އިއުލާން ކުރައްވައިފި އެވެ.

ޕާލަމަންޓުގައި ވާހަކަދައްކަވަމުން، ފިނޭންސް މިނިސްޓަރުކަންވެސް ކުރައްވާ ބޮޑުވަޒީރު ވަންގް ވިދާޅުވީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އުފެއްދި މިނިވަން ރިވިއު ކޮމިޓީގެ ލަފާ ސަރުކާރުން ބަލައިގަތުމާ ގުޅިގެން، މި ބަދަލުތަކަށް އަންނަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށެވެ. މިއީ 2011 ވަނަ އަހަރަށްފަހު އެ ގައުމުގައި ވަޒީރުންގެ މުސާރައަށް ބަދަލެއް ގެނައި ފުރަތަމަ ފަހަރެވެ.

އެމްއާރް4 ގްރޭޑުގެ ވަޒީރެއްގެ އަސާސީ މުސާރަ މިހާރު ހުރި 1.1 މިލިއަން ޑޮލަރުން 1.8 މިލިއަން ޑޮލަރަށް ބޮޑުކުރުމަށް ކޮމިޓީން ލަފާދީފައިވީ ނަމަވެސް، ސަރުކާރުން ނިންމީ އެއަށްވުރެ ކުޑަ މިންވަރެއް ބޮޑުކުރުމަށެވެ. މީގެ އިތުރުން، އެހެނިހެން ސިޔާސީ މަގާމުތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިނާޔަތްތަކަށް ބަދަލު ގެނައުމަށްވެސް ކޮމިޓީން ވަނީ ހުށަހަޅާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި، މަޖިލީހުގެ ރައީސާއި ނައިބު ރައީސުންގެ މުސާރައަށް ގެނެވޭ ބަދަލުތަކަށްވެސް އަމަލުކުރަން ފަށާނީ ހަމަ އެ ތާރީހުން ފެށިގެން ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކޮމިޓީން ލަފާދިން އާ މުސާރައިގެ މިންގަނޑުތަކަށް އެއްފަހަރާ ބަދަލެއް ނުކުރާނަން. އޭގެ ބަދަލުގައި، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައަށް މިހާރު މި ގެންނަނީ އެއްފަހަރުން ގެނެވޭ 9 އިންސައްތައާ ހަމައަކަށް އަންނަ ބަދަލެއް،" ބޮޑުވަޒީރު ވަންގް ވިދާޅުވި އެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުގައި، މިހާރު އަހަރަކު 1.1 މިލިއަން ޑޮލަރު ލިބޭ ވަޒީރަކަށް، 9 އިންސައްތައިގެ ކުރިއެރުމަކާއެކު ދެން ލިބޭނީ ގާތްގަނޑަކަށް 1.2 މިލިއަން ޑޮލަރެވެ. އަދި ކޮމިޓީން ލަފާދިން 1.8 މިލިއަން ޑޮލަރާ ހަމައަށް މުސާރަ ބޮޑުކުރުމަށް އިތުރު ހާއްސަ ބަދަލެއް މުސްތަޤްބަލުގައި ނުގެންނާނެ ކަމަށާއި، ދެން މުސާރައަށް ބަދަލެއް އަންނާނީ އެ ބޭފުޅެއްގެ މަސައްކަތުގެ ފެންވަރާއި ޒިންމާތަކަށް ބަލައިގެން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.