ހުއްދަ ނެތި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ފަރާތްތަކާ ގުޅޭ ގޮތުން ފުލުހުންގެ ޓާސްކްފޯސްއަށް މިހާތަނަށް 65 މެސެޖެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކު ކަމަށްވާ މޯލްޑިވްސް މޮނެޓަރީ އޮތޯރިޓީގެ ހުއްދައާ ނުލައި ބޭރު ފައިސާގެ ވިޔަފާރިކުރާ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްގެ ހޮޓްލައިނަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުގެ ތެރޭގައި 27 ބިދޭސީންނާއި، ހުއްދަ ނެތި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރި ހިންގާ 18 ތަނެއްގެ އިތުރުން، ގަވައިދާ ހިލާފަށް ބޮޑުއަގުގައި ބޭރު ފައިސާ ވިއްކާ ހަތަރު ތަނެއްގެ މައުލޫމާތު ހިމެނޭ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. މީގެ އިތުރުން މިފަދަ މުއާމަލާތްތައް ހިންގާ 16 އޮންލައިން ޕްލެޓްފޯމެއްގެ މައުލޫމާތުވެސް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ލިބިފައިވާ މި މައުލޫމާތުތަކާ ގުޅިގެން މިހާތަނަށް ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އެހެން ރިޕޯޓުކޮށްފައިވާ ތަންތަނުގެ މައުލޫމާތުތައް ކަށަވަރުކޮށް، ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

ބޭރު ފައިސާއާ ގުޅުން ހުރި މިފަދަ މައްސަލަތައް ހުށަހެޅުމަށް ހޮޓްލައިން ނަންބަރު 9388733 އަށް ގުޅައި ނުވަތަ މެސެޖްކޮށް މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން އެދެ އެވެ.

އެސްއެމްއެސްގެ އިތުރުން ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިން އެޕްލިކޭޝަންތައް މެދުވެރިކޮށްވެސް މައުލޫމާތު ހިއްސާކުރެވޭނެ ކަމަށާއި، މައުލޫމާތު ހިއްސާކުރާ ފަރާތްތަކުގެ ވަނަވަރާއި މަޢުލޫމާތު ފުރިހަމައަށް ރައްކާތެރިކޮށްދެވޭނެ ކަމުގެ ޔަގީންކަން ފުލުހުން ދީފައިވެ އެވެ.

ބޭރު ފައިސާގެ ވިޔަފާރި ކުރުމުގެ ލައިސެންސް ނެތި ފުޅާ ދާއިރާއެއްގައި އެ ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވިގެން މީގެ ކުރިން ރ. ފުރަވެރި ރިސޯޓާއި ޕޭޖް ހާޑްވެއާ ހިންގާ ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓުތައް ފްރީޒުކޮށް އެ ކުންފުނީގެ އޮފީސް ވަނީ ބަލައި ފާސްކޮށްފަ އެވެ.