ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ހާންގެ 1998 ވަނަ އަހަރުގެ މަޝްހޫރު "ބްލެކް ބަކް" ޝިކާރަ ކުރުމުގެ މައްސަލައާ ގުޅުވައިގެން ތައްޔާރު ކޮށްފައިވާ ކަމަށް ބުނެވޭ ފިލްމު "ކާލާ ހިރަން: ދަ ބެޓްލް ފޯ ލެގަސީ" ސިނަމާތަކަށް ނެރުން ދިއްލީ ހައިކޯޓުން މަނާކޮށްފި އެވެ.

ސަލްމާންގެ ފަރާތުން ހުށަހެޅި އޭނާގެ ޝަޚްސީ ހައްގުތަކާ ގުޅޭ މައްސަލައެއްގައި ބުރާސްފަތި ދުވަހު ދިއްލީ ހައިކޯޓުގައި ވަނީ އަޑުއެހުމެއް ބާއްވާފަ އެވެ.

މި ފިލްމު އުފެއްދި ފަރާތް ކަމަށްވާ އަމީތު ޖާނީ އާއި އޭނާގެ ގާނޫނީ ޓީމުން ކޯޓުގައި ދެއްކި ވާހަކަތަކަށްފަހު، ސެންސަރު ބޯޑުގެ ހުއްދަ އަދިވެސް ލިބިފައި ނުވާތީ މި ފިލްމު މިވަގުތު ރިލީޒް ނުކުރެވޭނެ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

ސަލްމާންގެ ގާނޫނީ ޓީމުގައި ހިމެނޭ ވަކީލު ވިދާޅުވި ގޮތުގައި، މި މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުން އަންނަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.

އެ ތާރީހާ ހަމައަށް ތިއޭޓަރުތަކުގައި ނުވަތަ އޮންލައިން އޯ.ޓީ.ޓީ ޕްލެޓްފޯމްތަކުގައިވެސް މި ފިލްމު ނުދެއްކޭނެ ކަމަށް ވަނީ އަންގާފަ އެވެ. އެ ތާރީޚުގެ ކުރިން ޖަވާބުދާރީވުމަށް ފިލްމު އުފެއްދި ފަރާތަށް ކޯޓުން ވަނީ އަންގާފަ އެވެ.

މި ފިލްމަކީ ސަލްމާންގެ ހަޔާތާ ގުޅޭ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް، އޭނާގެ ނަމާއި، އަގާއި ޝަޚްސަށް އަސަރުކުރާ ގޮތަށް އުފައްދާފައިވާ ފިލްމެއް ކަމަށް ބުނެ ސަލްމާންގެ ފަރާތުން ވަނީ މީގެ ކުރިންވެސް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.

މީގެ ކުރިން މި ފިލްމުގެ ޓީޒާ އާއި ޕްރޮމޯޝަނަލް ލިންކުތައްވެސް އޮންލައިން ޕްލެޓްފޯމްތަކުން ނަގަން ހައިކޯޓުން އަމުރު ކޮށްފައިވާކަން ފާހަގަ ކުރެވެ އެވެ.