ދުނިޔޭގައި އެންމެ އާންމުކޮށް މީހުން މަރުވާން މެދުވެރިވާ ހިތުގެ ބަލިތަކަށް މަގުފަހި ކުރުވާ ކޮލެސްޓްރޯލް މައްޗަށް ދިއުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސައިންސްވެރިން ކުރަމުންދާ މަސައްކަތުގައި އުންމީދީ ކުރިއެރުންތަކެއް ހޯދައިފި އެވެ.

ކްރިސްޕާ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ހަށިގަނޑުގެ ޖީންތަކަށް ބަދަލު ގެނެސްގެން ދިން އެއް ފަހަރުގެ ފަރުވާއަކުން، ހަށިގަނޑުގައި ހުންނަ "ނުބައި" ކޮލެސްޓްރޯލް (އެލް.ޑީ.އެލް) އަދި ޓްރައިގްލިސަރައިޑް މިންވަރު އެއް އަހަރު ދުވަހުގެ މުއްދަތަކަށް 50 ޕަސެންޓަ ށްވުރެ ބޮޑުތަނުން ދަށްވެފައި ހުރިކަން ސައިންސުވެރިންގެ އާ ދިރާސާއަކުން ވަނީ ދައްކާފަ އެވެ..

އާންމުކޮށް ކޮލެސްޓްރޯލް ކޮންޓްރޯލް ކުރުމަށްޓަކައި ކޮންމެ ދުވަހަކު ބޭސް ބޭނުން ކުރަން ޖެހުނު ނަމަވެސް، މި އާ ޖީން-އެޑިޓިންގް ފަރުވާއަކީ ހަށިގަނޑުގެ ފުރަމޭގައި ހުންނާނެ ޖީނަކަށް ބަދަލު ގެނެސްގެން ދޭ އެއް ފަހަރުގެ އިންޖެކްޝަނެކެވެ.

މި ކާމިޔާބު ދިރާސާގައި ބައިވެރިވި ފަރާތްތަކަށް މި ފަރުވާ ދިނުމަށްފަހު އެއް އަހަރު ވަންދެން މޮނިޓާ ކޮށްފައިވާއިރު، އެއްވެސް ނުރައްކާތެރި ސައިޑް އިފެކްޓެއް ފެނިފައިނުވާ ކަމަށް ކްލީވްލޭންޑް ކްލިނިކްގެ ދިރާސާވެރިން ވަނީ ހާމަކޮށްފަ އެވެ.

މިފަދަ ފަރުވާތަކަކީ ކުރިއަށް އޮތް ތަނުގައި ހިތުގެ ބަލިތަކަށް ހުށައެޅޭ މީހުންނަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމެއް ކަމަށް ސައިންސްވެރިން ބުނެ އެވެ.

މިފަދަ ޓެކްނޮލޮޖީތަކުގެ ސަބަބުން ބޭސް ކެއުމުގެ ބުރައިން ސަލާމަތްވެ، އެއް ފަހަރުގެ ފަރުވާއަކުން މުޅި އުމުރަށް ކޮލެސްޓްރޯލް ކޮންޓްރޯލް ކޮށްދެވޭނެ މަގު ފަހިވެގެންދާނެ ކަމަށް ބެލެވެ އެވެ.