ދަރިވަރުން އުނގެނޭ މިންވަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު ކީ ސްޓޭޖް އެކެއްގެ ފޮތްތަކަށް ބޮޑު ބަދަލެއް ގެނައުމަށް ނިންމާފައިވާކަން އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު މިއަދު އިއުލާންކުރައްވައިފި އެވެ.
މިނިސްޓަރު މިކަން އިއުލާންކުރެއްވީ މިއަދު ފެށި އަށްވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފޮތްތަކަށް މި ބަދަލު ގެންނައިރު އެ ކަމުގައި ޓީޗަރުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޒަމާނީ ޓެކްނޮލޮޖީއަށާއި ވަޒީފާގެ ބާޒާރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު އެކި ކަންކަމުގައި އޭއައި ބޭނުންކުރާ މިންވަރު އިތުރުވަމުންދާ ކަމަށެވެ. އެހެންކަމުން އެ ބަދަލުތަކަށް ދަރިވަރުން އަހުލުވެރިކުރުވުމަށްޓަކައި ޓީޗަރުން ވެސް އެ ކަންކަމަށް ތައްޔާރުވާންޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ތައުލީމީ ސިޔާސަތުތަކަށް އަންނަ ބަދަލުތަކާއި ކިޔަވައިދޭ ގޮތްތައް ދިރާސާތަކާ ގުޅުވާލުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މި ފުރުސަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް މިނިސްޓަރު ވަނީ ޓީޗަރުންނަށް އިލްތިމާސްކުރައްވާފަ އެވެ.
ތައުލީމީ ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ދަރިވަރުން އުނގެނޭ މިންވަރު މަތިކުރުމަށްޓަކައި ކަރިކިއުލަމްގެ ކޮންޓެންޓަށް ބަދަލުތައް ގެންނަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން އަންނަ އަހަރު ކީ ސްޓޭޖް ގްރޭޑް އެކެއްގެ ފޮތްތަކަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.
ފޮތްތަކަށް ބަދަލު ގެނެވުނު ނަމަވެސް ތައުލީމީ ނިޒާމަށް ހަގީގީ ބަދަލެއް އަންނާނީ ޓީޗަރުން ކުރާ މަސައްކަތުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން ސާނަވީ ތައުލީމު ނިންމާ ދަރިވަރުންގެ ތެރެއިން މަތީ ސާނަވީއަށް ދާ ދަރިވަރުންގެ ނިސްބަތް އިތުރުކުރުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ކުރިން 40 އިންސައްތައިގައި އުޅުނު އެ ނިސްބަތް މިހާރު 50 އިންސައްތައަށް މަތިކުރެވިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މާލޭ ވޮކޭޝަނަލް ހައި ސްކޫލްގެ ހިދުމަތާއެކު މަތީ ސާނަވީއަށް ދާ ދަރިވަރުންގެ ނިސްބަތް 60 އިންސައްތައަށް މަތިކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.
ހުއްދަނެތި ވަތް ދެ ބޯޓު ބްރިޖުގައި ޖެހުނު މައްސަލަ 241 ކޮމިޓީއަށް
ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސް، ސަމާލުވުމަށް އެދިއްޖެ
