އެމެރިކާގެ ޖޯޖިއާ ސްޓޭޓްގައި ޑެޕިއުޓީ ޝެރިފްއަށް މިވަނީ ދާދިފަހުން ވަރަށް އާދަޔާ ހިލާފު ކަމަކާ ދިމާވެފަ އެވެ. ބަކަރިއެއް މިވަނީ ފުލުސް މީހާގެ އެ ކާރަށް ހަމަލާދީ އޭގައި ހުރި ލިޔެކިޔުންތައް ކާލާފަ އެވެ.

ޑޯގްލަސް ކަންޓްރީ ޝެރިފްގެ އޮފީހުން ބުނި ގޮތުގައި ނަން ހާމަކުރަން ބޭނުންނުވާ ޑެޕިއުޓީ އެވަގުތު ހުރީ މުހިއްމު ލިޔެކިޔުންތައް ބަލާ ގޮސް ގޭގައި ކަމަށާއި އާންމުކޮށް ކުއްތާތަކުން ސަލާމަތްވުމަށް އޭނާ ހުންނަނީ ކާރުގެ ދޮރު ހުޅުވާފަ އެވެ. ސަބަބަކީ ކުއްތާ އެއް ހަމަލާ ދޭން އުޅުނަސް އަވަހަށް ކާރަށް އެރޭނެ ގޮތް ހެދުމުގެ ބޭނުމުގަ އެވެ.

"އެހެން ނަމަވެސް މިއަދު މިވީ ކަހަލަ ކަމެއް ވާނެ ކަމަކަށް ދުވަހަކު ވެސް އޭނާ އުންމީދުކޮށްފަ އެއް ނުވޭ،" އެ އެޖެންސީއިން ބުނެފައިވެ އެވެ.

މި ހާދިސާގެ ވީޑިއޯއެއް އެ އެޖެންސީއިން އާންމުކޮށްފައިވާ އިރު އޭގެއިން ފެންނަ ގޮތުގައި އެ ބަކަރި އިނީ ކާރުގެ ކުރީ ސީޓަށް އަރާ، އަރާމުގައި ޑެޕިއުޓީގެ ލިޔެކިޔުންތައް ކެއުމަށެވެ. އަދި ކައި ނިންމުމަށް ފަހު ކާރުން ފައިބައިގެން ދަމުން ޑެޕިއުޓީގެ ކަނކުލުގައި ބޮލުން ޖަހާ ވައްޓާލުމަށް ފަހު އެ ބަކަރި ވަނީ ކުށުގެ ވެށި ދޫކޮށް ފިލާފަ އެވެ.

މި ހާދިސާގއި ޑެޕިއުޓީއަށް އެއްވެސް އަނިޔާއެއް ވެފައި ނުވެ އެވެ.