ހަފުތާގެ ދުވަސްތަކުގައި އެކަށީގެންވާ ވަރަށް ނިދި ނުލިބޭނަމަ، ހަފުތާ ބަންދުގައި އިތުރަށް ނިދާލައިގެން ނިދި ހަމަ ކުރުމަކީ މީހާގެ ސިއްހަތަށް، ހާއްސަކޮށް ހިތުގެ ސިއްހަތަށް ވަރަށް ބޮޑު ފައިދާއެއް ލިބިގެންދާ ކަމެއް ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.
މިހާތަނަށް ސިއްހީ މާހިރުން އާންމުކޮށް އިރުޝާދު ދެމުން އައީ ކޮންމެ ދުވަހަކުވެސް އެއް ގަޑިއަކަށް ނިދަން ދިއުމަށާއި، ހަފުތާ ބަންދުގައި ގިނައިރު ނިދުމަކީ ހަށިގަނޑުގެ ގަޑި ހަލާކުވެ، ނިދީގެ ނިޒާމަށް ގެއްލުންވާނެ ކަމެއް ކަމަށެވެ.
ނަމަވެސް، ޖަރުމަނުގެ މިއުނިކްގައި ބޭއްވި ޔޫރަޕް ސޮސައިޓީ އޮފް ކާޑިއޮލޮޖީގެ އަހަރީ ބައްދަލުވުމުގައި ހުށަހެޅި އާ ދިރާސާއަކުން މި ހިޔާލު ވަނީ ބަދަލު ކޮށްލާފަ އެވެ.
ކޮރެއާގައި ކުރިއަށް ގެންދިޔަ މި ދިރާސާގައި ފާހަގަ ކޮށްފައިވާ ގޮތުގައި، ހަފުތާ ބަންދުގައި އިތުރަށް ނިދައިގެން ނިދި ހަމަކުރާ މީހުންގެ މެދުގައި ލޭގެ ޕްރެޝަރު މަތިވުން ހަ ޕަސެންޓް ކުޑަވާ ކަމަށް ދައްކަ އެވެ.
އެއާއެކު ހަރަކާތްތެރިކަން ކުޑަ ކަސްރަތު ނުކުރާ މީހުންނަށް މިކަމުން ލިބޭ ފައިދާ މާ ބޮޑުކަމަށާއި، އެފަދަ މީހުންގެ ލޭގެ ޕްރެޝަރު މަތިވުމުގެ ފުރުސަތު 6.9 ޕަސެންޓް ކުޑަ ވެގެންދާ ކަމަށް ވަނީ ދައްކާފަ އެވެ.
މި ދިރާސާގެ އިސް ދިރާސާވެރިޔާ ޑރ. ނަވަން ލީ ވިދާޅުވިގޮތުގައި، އެކަށީގެންވާ ވަރަށް ނިދި ނުލިބުމަކީ ހަށިގަނޑަށް ބޮޑު ނަފްސާނީ އަދި ޖިސްމާނީ ބާރެއް ކުރިމަތި ކުރުވާ ކަމެކެވެ. ހަފުތާ ބަންދުގައި އިތުރަށް ނިދާލުމުން ހަށިގަނޑަށް އަރާމުކޮށް، އެ ޕްރެޝަރު ކުޑަ ކުރުމަށް ފުރުސަތު ލިބިގެންދެއެވެ.
ނަމަވެސް މާ ގިނައިރު ނިދުން ރަނގަޅު ނޫންކަމަށް މާހިރުން އިންޒާރުދެ އެވެ. އެންމެ އެކަށީގެންވާ މިންވަރަކީ ހަފުތާ ބަންދުގައި އާންމުކޮށް ހޭލާ ގަޑިއަށްވުރެ 1 ގަޑިއާއި 2 ގަޑިއާ ދެމެދުގެ އިތުރު ވަގުތުކޮޅަކަށް ނިދުން ކަމަށް ދިރާސާއިން ދައްކަ އެވެ.
މާ ގިނައިން، މިސާލަކަށް 4 ގަޑިއިރަށްވުރެ އިތުރަށް ނިދާނަމަ އޭގެ ސަބަބުން ހަށިގަނޑަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމަށްވެސް މާހިރުން ވިދާޅުވެ އެވެ.
އެހެން ކަމުން މަސައްކަތް ބުރަ ހަފުތާއަކަށްފަހު ހަފުތާ ބަންދުގައި އިތުރަށް ކުޑަކޮށް ނިދާލެވުމުން އެއީ ކުށެއްގެ ގޮތުގައި ދެކެން ނުޖެހޭ ކަމަށާއި އެއީ ހަށިގަނޑަށް ބޭނުންވާ އަރާމު ހޯދަން ލިބޭ ފުރުސަތެއް ކަމަށް މާހިރުން ލަފާދެ އެވެ.