ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކެޓްރީނާ ކައިފް، ވިހެއުމަށްފަހު އޭނާގެ ހަމަށް އައިސްފައިވާ ބަދަލުތަކާއި ސކިންކެއާ ރޫޓީންއާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކައިފި އެވެ.
"ދަ ހޮލީވުޑް ރިޕޯޓާ"އަށް ދިން އިންޓަވިއުއެއްގައި ކެޓްރީނާ ވަނީ، ސޯޝަލް މީޑިއާގައި އޭނާގެ ސިފައަށް ފާޑުކިޔުންތައް (ޓްރޯލިންގް) އަމާޒުވަމުންދާ ދަނޑިވަޅެއްގައި، ހަމުގެ ރައްކާތެރިކަމަށް ކުރާ މަސައްކަތްތަކުގެ ތަފްސީލު ހާމަ ކޮށްފަ އެވެ. ކެޓްރީނާ ބުނި ގޮތުގައި، ދަރިއަކު ލިބުމަށްފަހު އޭނާގެ ހަންގަނޑު ކުރިއަށްވުރެ ބޮޑަށް ސެންސިޓިވް ވެގެންދިޔަ އެވެ.
"ވިހެއުމަށްފަހު މަގޭ ހަންގަނޑު މާ ބޮޑަށް ސެންސިޓިވްވި. އެއީ ވަރަށް އުނދަގޫ ދުވަސްކޮޅެއް، ސަބަބަކީ ގުޅެނީ ކޮން އުފެއްދުން ތަކެއްކަން ދެނެގަންނަން ޖެހުނު. އެ ދުވަސްވަރު އަހަރެން ހޯދީ ހަންގަނޑަށް ފަރުވާދީ، ހަމަޖެހުން ގެނެސްދޭ ކަހަލަ ޕްރޮޑަކްޓްތައް،" ކެޓްރީނާ ބުންޏެވެ.
މި ބަދަލުތަކާއެކު، ހަމުގެ އެންމެ ބޭރު ފަށަލަ ރައްކާތެރިކޮށް ބެހެއްޓުމަށް ދޭ ސަމާލުކަން އިތުރުވިކަން އޭނާ ފާހަގަކުރި އެވެ. ކެޓްރީނާ ބުނީ، މާހައުލީ އެކި ނުރައްކާތަކުން ހަންގަނޑު ރައްކާތެރި ކޮށްދޭ އެންމެ ފުރަތަމަ ފަށަލައަކީ އެއީ ކަމަށެވެ.
ރީތިކަމާމެދު ދެކޭގޮތް ބަދަލުވުން
ކެރިއަރުގެ ކުރީކޮޅާ އަޅާބަލާއިރު ރީތިކަމާމެދު ދެކޭގޮތް މިހާރު ވަރަށް ބޮޑަށް ބަދަލު ވެފައިވާ ކަމަށް ކެޓްރީނާ ބުންޏެވެ.
"ކުރިން މޮޑެލްކުރުމާއި އެކްޓްކުރަން ފެށިއިރު ރީތިކަމުގެ މިންގަނޑުތަކެއް ކަނޑައެޅިފައި ހުރި. އަހަރެންނަށް މިހާރު އެންމެ ރީތިކޮށް ފެންނަނީ އެންމެ އުފާވެރިކޮށް އަދި ސިއްހަތު ރަނގަޅުކޮށް ހުރުމުން. އެއީ މުޅި ދިރިއުޅުމަށް ދެވޭ އަޅާލުމެއްގެ ނަތީޖާ،" އޭނާ ބުންޏެވެ.
ދިރިއުޅުމުގެ އާދަކާދައަށް ގެނައި ބަދަލުތައް
ހަމުގެ ސިއްހަތު ރަނގަޅުކޮށް ބެހެއްޓުމަށްޓަކައި ކެޓްރީނާ ގަވާއިދުން ކުރާ ކަންތައްތަކުގެ ތެރޭގައި ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި، ހަށިގަނޑުގެ އިންފްލެމޭޝަން (ދުޅަވުން) ކޮންޓްރޯލް ކުރުން ހިމެނެ އެވެ.
މީގެ އިތުރުން ކަސްރަތު ކުރުމާއި، މެޑިޓޭޓް ކުރުމުގެ އިތުރުން، ހެނދުނު ހޭލައިގެން ފުރަތަމަ ގަޑިއިރު ފޯނާ ދުރުވެ، އިރުގެ އަލި ހަށިގަނޑަށް ހޯދުމަކީވެސް އޭނާ ހާއްސަ ސަމާލުކަމެއް ދޭ ކަންކަމެވެ.
ކެޓްރީނާ އިތުރަށް ބުނީ، ހަންގަނޑަށް އަންނަ ބަދަލުތަކަށް ބަލައިގެން ފަރުވާ ދިނުމަކީ މުހިންމު ކަމެއް ކަމަށާއި، މިހާރު އޭނާގެ އެންމެ ބޮޑު އަމާޒަކީ ހަންގަނޑު ތެތްކޮށް އަދި ވަރުގަދަކޮށް ބެހެއްޓުން ކަމަށެވެ. މޭކަޕް ރީތިކޮށް ހުންނަނީވެސް ހަންގަނޑަށް ރަނގަޅަށް އަޅާލުމުން ކަމަށް އޭނާ ފާހަގަކުރި އެވެ.
އެލާމްއަކާ ނުލައި ހޭލަން ހަށިގަނޑު ހާނުވާނީ ކިހިނެއް؟
އުނދުނާ ނާއިލާއާ ވަނީ ގާތް ގުޅުމެއް!
ހާއްސަ އެހީއަށް ބޭނުންވާ 64 މީހަކު އާއިލާތަކާ ހަވާލުކޮށްފި