ހޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޑެކޯޓާ ޖޯންސަން އާއި ރެޕް ލަވަކިޔުންތެރިޔާ މެޝިން ގަން ކެލީ (އެމްޖީކޭ) އާ ދެމެދު ލޯބީގެ ގުޅުމެއް އުފެދެމުންދާ ކަމުގެ އަޑުތައް ގަދަ ވެފައި ވަނިކޮށް، މިއުޒިކީ ފަންނާނުންނާ ރައްޓެހިވުމާ ބެހޭގޮތުން އޭނާ ވާހަކަ ދައްކައިފި އެވެ.

ވޯގް މެގަޒިންގެ އޮކްޓޯބަރު އަދަދަށް ދިން ހާއްސަ އިންޓަވިއުއެއްގައި، އޭނާގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް ހާމަ ކުރަން ބޭނުންނުވާކަން ފާހަގަ ކޮށްފަ އެވެ.

އެކަން ހާމަ ކުރަމުން، މިއުޒިޝަނުންނާއެކު އޮންނަ ގުޅުމާ ބެހޭގޮތުން ސުވާލު ކުރުމުން ޑެކޯޓާ ބުނީ، "އެމީހުންނަށް އަހަރެން ކަމުދަނީ. އަހަރެންނަށްވެސް އެމީހުން ކަމުދޭ،" ކަމަށެވެ.

ނަމަވެސް، މިއުޒިކީ ފަންނާނުންނާ ރައްޓެހިވުމުގައި ހުރި ނޭދެވޭ ކަންކަމާ މެދު ސުވާލުކުރުމުން ހީލުމަށްފަހު އޭނާ ސަމާސާ ކުރަމުން ބުނީ އެފަދަ މީހުންނަކީ "ޓްރިކީ" ނުވަތަ އުޅެން އުނދަގޫ ބައެއް ކަމަށެވެ.

އެމްޖީކޭ އާއެކު ފެނުނު ފެނުން

36 އަހަރުގެ ޑެކޯޓާ ޖޯންސަން އާއި އެމްޖީކޭ (ކޯލްސަން ބޭކާ) އެކުގައި ނިއުޔޯކް ސިޓީގައި ވަގުތު ހޭދަ ކުރަނިކޮށް ފެނުމާއެކު، ދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އޮތްކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ދެމީހުން ބައްދަލުވީ ޓޭލާ ސުވިފްޓް އާއި ޓްރެވިސް ކެލްސީގެ ކައިވެނީގެ ހަފްލާގެ ތެރެއިންނެވެ. އޭގެފަހުން ދެމީހުން އެކުގައި ބޭރަށް ގޮސް، ޓޭލާ ސުވިފްޓްގެ އެޕާޓްމަންޓްގައިވެސް ވަގުތުކޮޅެއް ހޭދަކޮށްފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ކުރީގެ ގުޅުންތައް

ޑެކޯޓާގެ ލޯބީގެ ތާރީހަށް ބަލާއިރު، އޭނާ މީގެ ކުރިންވެސް ބޮޑެތި މިއުޒިޝަނުންނާ ގުޅުން ބޭއްވިއެވެ. އެގޮތުން، ކޯލްޑްޕްލޭގެ ލީޑް ސިންގަރ ކްރިސް މާޓިންއާއެކު އޭނާ 8 އަހަރު ދުވަސް ހޭދަކުރިއިރު، އެ ގުޅުން ނިމުމަކަށް އައީ 2025 ގަ އެވެ. އޭގެފަހުން ލަވަކިޔުންތެރިޔާ "ރޯލް މޮޑެލް" (ޓަކާ ޕިލްސްބަރީ) އާއެކުވެސް އޭނާ ގުޅުމެއް ބޭއްވި އެވެ.

އާއިލާއެއް ފެށުމުގެ އުއްމީދު

މި އިންޓަވިއުގައި ޑެކޯޓާ ވަނީ ކުރިމަގުގައި މަންމައަކަށް ވުމުގެ ބޮޑު އުއްމީދެއް އޮތްކަންވެސް ހާމަކޮށްފަ އެވެ. އުމުރުން މި ހިސާބަށް އައިއިރު ދިރިއުޅުން ރޭވިފައިވާ ގޮތާމެދު ވާހަކަ ދައްކަމުން އޭނާ ބުނީ، ކުދިން ހޯދައި އާއިލާއެއް ފެށުމަކީ އޭނާ ވަރަށް އެދޭ ކަމެއް ކަމަށާއި، ދުނިޔޭގެ ރޭވުންތައް ހުރިގޮތުން އެކަން ހަގީގަތަކަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.