އެއީ 1924 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ ދުވަހެކެވެ. މައްކާއާ ޖެހިގެން އޮތް މުހިންމު ރަށެއް ކަމަށްވާ ތާއިފުގެ ރައްޔިތުންނަށް އޮތީ ބިރުވެރިކަމުގެ ވިލާގަނޑެއް ބޯމަތިވެފަ އެވެ. ނަޖުދުގެ ގަބީލާތައް އެއްކޮށްގެން އުފައްދާފައި އޮތް ބޮޑު ލަޝްކަރެއް ތާއިފަށް ވަދެގަންނަނީ އެވެ. ލަޝްކަރުގެ ވެރިއަކީ އަބްދުލް އަޒީޒް ބިން ސުއޫދެވެ. ނުވަތަ އިބުނު ސުއޫދެވެ. އިބްން ސުއޫދާ އެކު އޮތީ ނަޖުދުގެ ހައްދު ފަހަނެޅި ދީނީ ގުރޫޕަކާއި ގަބީލާތައް އެއްކޮށްގެން އުފައްދާފައި އޮއް އިޚުވާން ކިޔާ ޖަމާއަތެކެވެ.

ތާއިފަށް ދިން ބިރުވެރި ހަމަލާ

ނަޖުދުގެ ގާފިލާތަކުގެ ލަޝްކަރު މައްކާ ހިފުމުގެ ކުރިން ތާއިފަށް ހަމަލަ ދިންއިރު އެރަށުގައި އިސް ލީޑަރަކަށް ހުންނެވީ ހިޖާޒުގެ އޭރުގެ ރަސްގެފާނު ހުސެއިން ބިން އަލީ އަލް ހާޝިމީގެ ދަރިކަލުން އަލީ އެވެ. މައްކާގައިގެ ކައިރީގައި އޮތް ފަރުބަދަ މަތީގެ އެ ރަށަކީ މަޑުމައިތިރި ހަމަ ހިމޭން ރަށެކެވެ. ރަށުގެ ރައްޔިތުންނަކީ ހަނގުރާމައިގެ ކުރިމަތިލުންތަކަށް ހޭނިފައި ތިބި ބައެއް ނޫނެވެ. ރަށް ހިމާޔަތް ކުރަން ތިބި މަދު އަދަދެއްގެ ސިފައިން ވެސް ތިބީ ބޮޑު ހަނގުރާމައަކަށް ތައްޔާރުވެގެނެއް ނޫނެވެ.

ތާއިފްގެ ފިނި ރެއެއްގެ ކަނު އަނދިރި ކަމުގައި ނަޖުދުގެ ބާރު ގަދަ ލަޝްކަރު ރަށާ ދިމާކޮށްލުމުން ރަށުގެ ދިފާއުގައި ތިބި ސިފައިންނަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. ކުޑަ އިރުކޮޅެއްގެ ކުރިމަތިލުމަކަށްފަހު ގިނަ ބަޔަކު ޝަހީދުވެގެން ދިއުމާއެކު ބާކީ ތިބި ސިފައިން އަނބުރާ ރަށުތެރެއަށް ވަންނަން ދުއްވައިގަތެވެ. ނަޖުދުގެ ލަޝްކަރު އެމީހުން ދުލެއް ނުކުރެ އެވެ. ރުޅިއައިސްފައި ތިބި ކުޅަނދުރުތަކެއް ފަދައިން ރަށުތެރެއަށް ވަދެގަނެ، އަތު ޖެހުނު ބަޔަކު މަރައި މަގުތައް ލޭގެ ކޯރަކަށް ހަދައިލި އެވެ. ގޭގޭގެ ދޮރުތައް ފުނޑުފުނޑުކޮށް ފިލައި ތިބި ބަޔަކު ވެސް ދޫނުކޮށް ގަތުލު އާންމެއް ހިންގި އެވެ. މުދާތައް ލޫޓުވައި ރައްޔިތުން ބިކަ ކޮށްލި އެވެ.

ތާއިފަށް އެރި ހަނގުރާމައިގެ ތޫފާނުގެ އަނިޔާވެރިކަމުގެ ނަޣަރާއި ބިރުވެރިކަމުގެ ރުއިމުގެ އަޑު މައްކާއަށް ފޯރާކަށް މާ ގިނައިރެއް ނުވި އެވެ. އެ ބިރުވެރިކަމާއި ސިހުމުގައި މާތްވެގެންވާ ހަރަމްފުޅު ދިފާއު ކުރަން ތިބި ސިފައިންގެ ހިތްވަރު އެލި މާޔޫސްވި އެވެ.

މައްކާ ހިފުން

ތާއިފްގެ އަނިޔާވެރި ހަމަލާގެ ޚަބަރާއެކު މައްކާގެ މަގުތަކަށް ވެރިވީ އާދަޔާ ޚިލާފު ހިމޭން ކަމެކެވެ. ހުސެއިން ރަސްގެފާނުގެ ލަޝްކަރު އޮތީ ހިތްވަރު އެލިފަ އެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގައި އެމީހުންގެ ބައިވެރިންގެ ގޮތުގައި މަސައްކަތް ކުރި ހާޝިމީންނަށް އެހީވުމަށް އިނގިރޭސިން އޮތީ ތައްޔާރަކަށް ނޫނެވެ. ސަބަބަކީ އެ މީހުންނަށް އެހީތެރިވެދީފި ނަމަ އިނގިރޭސިން ވައުދު ވެފައިވާ ފަދައިން މުޅި އަރަބި ބައްރުގައި ހާޝިމީންގެ ވެރިކަމެއް އުފައްދައި ދޭން ޖެހޭތީ އެވެ. އޭގެ ބަދަލުގައި ވަކި ފަރާތަކަށް ނުޖެހުމުގެ ނަމުގައި ނަޖުދުގެ ވައްހާބީ ލަޝްކަރަށް ނުސީދާކޮށް ތާއީދު ކުރުމުން ހާޝިމީން ބަލިވެދާނެ ކަން އެނގޭތީ އެވެ.

ނަޖުދުގެ ވައްހާބީ ލަޝްކަރާ ކުރިމަތިލައިފި ނަމަ މައްކާގެ ބިންމަތީގައި އެތައް ހާސް ބައެއްގެ ލޭ އޮހޮރިގެންދާނެކަން އެނގި ވަޑައިގަންނަވާތީ ހަސަން ރަސްގެފާނު ބެއްލެވީ އެ ނުބައި އަމަލުން ސަލާމަތްވާނެ މަގެއް ހޯއްދެވުމަށެވެ. އެހެންކަމުން ހަނގުރާމަޔަކަށް ދިއުމުގެ ބަދަލުގައި ސުލްހަވެރި ހައްލެއް ހޯއްދަވަން ކުރެއްވި މަސައްކަތްޕުޅު ކާމިޔާބެއް ނުވި އެވެ.

ހަމަ އެކަނި ހައްލަކަށް އޮތީ ރަސްގެފާނު ވެރިކަން ދޫކުރައްވައި، މުޅި ހިޖާޒު ސައުދުގެ އާއިލާއަށް ހަވާލު ކުރުމެވެ. ހުސެއިން ރަސްގެފާނު އެގޮތް ގަބޫލު ކުރެއްވި އެވެ. ނަތީޖާއެއްގެ ގޮތުން މައްކާގައި ލޭ އޮހޮރުމުން ސަލާމަތްވި އެވެ.

އިބްނު ސައުދު މައްކާއަށް ވަދެގަތީ 1914 ވަނަ އަހަރުގެ ޑިސެމްބަރުގެ ތެރޭގަ އެވެ. ހުސެއިން ރަސްގެފާނު އަމާން ދެއްވުމުގެ ސަބަބުން މައްކާއަށް ވަންނާކަށް އެއްވެސް ހަނގުރާމައެއް ކުރަން ނުޖެހުނެވެ. އެ ދުވަހު އިބްނު ސައުދުގެ މައްކާ ހިފި ގޮތަށް އަދި އަދަށް ދާންދެން ވެސް މައްކާ އޮތީ އެ އާއިލާގެ ދަށުގަ އެވެ.