އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ހަދާ "ޑީޕްފޭކް" ވީޑިއޯތަކާއި، އޭނާގެ ނަމާއި، ސޫރައާއި އަދި އަޑު ހުއްދައެއްނެތި ބޭނުން ކުރުން ހުއްޓުވުމަށް ބޮލީވުޑް އަދި ދެކުނު ސިނަމާގެ މަޝްހޫރު އެކްޓްރެސް ސަމަންތާ ރޫތު ޕްރަބޫ ބޮމްބޭ ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އޭނާއަށް ވަގުތީ އަމުރެއްގެ ދަށުން ބޮޑު ކާމިޔާބީއެއް ލިބިއްޖެ އެވެ.

މި މައްސަލަ ބެއްލެވި ބޮމްބޭ ހައިކޯޓުގެ ޖަސްޓިސް މާދަވް ޖާމްދާރު ނެރުއްވި ވަގުތީ އަމުރުގައި ވަނީ، ސަމަންތާގެ ހުއްދައަކާ ނުލައި އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ޑީޕްފޭކް މެޓީރިއަލްއާއި ބަދަލު ކޮށްފައިވާ (މޯފްޑް) ފޮޓޯ އަދި ވީޑިއޯތައް ވަގުތުން ޑިޖިޓަލް މީޑިއާތަކުންނާއި ސޯޝަލް މީޑިއާ ބްރޭންޑްތަކުން ނެގުމަށް އަންގާފަ އެވެ.

އިންޑިއާގެ ގާނޫނު އަސާސީގެ 19 ވަނަ މާއްދާގެ (1) (ހ)ގެ ދަށުން ލިބޭ މިނިވަންކަމާއި، 21 ވަނަ މާއްދާގެ ދަށުން ލިބޭ އަމިއްލަ ދިރިއުޅުމުގެ ހައްގާއި ކަރާމާތް ހިމާޔަތް ކުރުމުގެ ހައްގުގެ ދަށުން ސަމަންތާގެ "ޕާސަނަލިޓީ ރައިޓްސް" (ޝަޚްސީ ހައްގުތައް) ހިމާޔަތް ވެގެންވާކަން ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

މީގެ އިތުރުން ކޮޕީރައިޓް ގާނޫނުގެ 38ބީ މާއްދާގެ ދަށުން ފަންނާނެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިދޭ އަހްލާގީ ހައްގު ތަކަށްވެސް އެފަދަ އަމަލުތަކުގެ ސަބަބުން އުނިކަން ލިބޭކަން ކޯޓުގެ އަމުރުގައި ފާހަގަ ކޮށްފައިވެ އެވެ.

ސަމާންތާ ހުށަހެޅި މި މައްސަލައިގައި ވަކިން އެނގެން ނެތް ފަރާތްތަކުގެ އިތުރުން ޓެކްނޮލޮޖީ ކުންފުނިތަކާއި، އޭއައި ޑިވެލޮޕަރުންނާއި، އީ-ކޮމާސް ޕްލެޓްފޯމްތައް ހިމެނޭހެން ޖުމްލަ 18 ފަރާތަކަށް ދައުވާ ކޮށްފައިވެ އެވެ.

މީގެ ތެރޭގައި ގޫގުލް އަދި މެޓާ ފަދަ ބޮޑެތި ޓެކް ކުންފުނިތަކަށްވެސް ވަނީ އޭނާގެ މަޢުލޫމާތު ހުއްދައާ ނުލައި ބޭނުން ކުރުން ހުއްޓުވުމަށް އަމުރު ކޮށްފަ އެވެ.

ސަމަންތާގެ ގާނޫނީ ޓީމުން ކޯޓުގައި ބުނެފައިވަނީ، އޭނާގެ އަޑާއި ސޫރަ ބޭނުން ކޮށްގެން ހަދާފައިވާ ބަރަހަނާ ވީޑިއޯތަކާއި، އޭއައި ޗެޓްބޮޓްތައް މެދުވެރިކޮށް އޭނާގެ އަބުރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.

މި އަމުރަކީ ވަގުތީ (އިންޓަރިމް) އަމުރަކަށްވާއިރު، މައްސަލައިގެ ފުރިހަމަ އަޑުއެހުންތައް ކުރިއަށްދާނެ އެވެ. ބޮމްބޭ ހައިކޯޓުން މި މައްސަލައިގެ ދެން އޮންނަ އަޑުއެހުން ތާވަލު ކޮށްފައިވަނީ ޑިސެމްބަރު 10 އަށެވެ.

އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ސެލެބްރިޓީންގެ އަބުރާއި އަމިއްލަ ހައްގުތަކަށް އަރައިގަންނަ މައްސަލަތައް އިތުރުވަމުންދާއިރު، ސަމަންތާ ހޯދި މި ކާމިޔާބީއަކީ އިންޑިއާގެ ސިނަމާ އިންޑަސްޓްރީގައި އޭއައި ނަހަމަގޮތުގައި ބޭނުން ކުރުމާ ދެކޮޅަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.