ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަަކްޝޭ ކުމާރާއި ޑައިރެކްޓަރު ސާޖިދު ހާން ގުޅިގެން އުފައްދާ ނަން ދެވިފައިނުވާ އާ ކޮމެޑީ ފިލްމުގެ ކާސްޓަށް އާރް. މާދަވަން، ދީޝާ ޕަޓާނީ އަދި ޝްރިޔާ ސަރަން ގުޅިއްޖެ އެވެ.

އެކްތާ އާރް ކަޕޫރު ޕްރޮޑިއުސްކުރާ މި ފިލްމަކީ މަޖާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ފުލް ކޮމެޑީ ފިލްމެކެވެ. މި ފިލްމުން އަކްޝޭ ކުމާރު، މާދަވަން، ދީޝާ އަދި ޝްރިޔާ އެކުގައި ފެނިގެންދާނީ އާ ބޮޑު ކާސްޓެއްގެ ގޮތުގައެވެ.

އަކްޝޭއާއި މާދަވަން މީގެ ކުރިން އެކުގައި ފެނިގެންގޮސްފައިވަނީ "ކޭސަރީ ޗެޕްޓާ 2: ދަ އަންޓޯލްޑް ސްޓޯރީ އޮފް ޖަލިއަންވާލާ ބާގް" (2025)ގަ އެވެ. އެ ކޯޓްރޫމް ޑްރާމާ ފިލްމުގައި ދެ އެކްޓަރުން ފެނުނީ ވާދަވެރި ދެ ވަކީލުންގެ ގޮތުގަ އެވެ. ނަމަވެސް، މިއީ މި ދެ އެކްޓަރުން އެކުގައި ކޮމެޑީ ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރެވެ.

މި ފިލްމުގެ އަންހެން ލީޑު ރޯލުތަކުން ދީޝާ ޕަޓާނީ އަދި ޝްރިޔާ ސަރަން ފެނިގެންދާއިރު، ފިލްމުގެ ވާހަކަ ބިނާވެފައިވަނީ މެދު އުމުރުގެ ފިރިހެނުންތަކަކަށް ދިމާވާ މަޖާ ކަންތައްތަކެއްގެ މައްޗަށެވެ.

ބޮޑު ބަޖެޓަކުން އުފައްދާ މި ފިލްމުގެ މުހިންމު ބައެއް މަންޒަރުތައް ޝޫޓް ކުރުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަންގަ އެވެ.

މައުލޫމާތު ލިބޭގޮތުގައި، މި ފިލްމުގެ ޝޫޓިންގ 2026ގެ ފަހުކޮޅު ނުވަތަ 2027 ގެ ކުރީކޮޅު ލަންޑަންގައި ފެށުމަށް ވަނީ ރޭވިފަ އެވެ.

އަކްޝޭ ކުމާރު މި ފިލްމުގެ މަސައްކަތް ފަށާނީ އޭނާގެ އޭލިއަން ސަވައިވަލް ތްރިލާ ފިލްމު "ސަމުކް"ގެ މަސައްކަތް ނިންމާލުމަށްފަހު އެވެ.

މި ފިލްމަކީ އަކްޝޭ ކުމާރާއި ސާޖިދު ހާން އެކުގައި ކުރާ ހަތަރުވަނަ މަސައްކަތެވެ. މީގެ ކުރިން މިއީ "ހޭ ބޭބީ"، "ހައުސްފުލް" އަދި "ހައުސްފުލް 2"ގައި އެކުގައި މަސައްކަތްކޮށް ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ދެމީހުންނެވެ.