ޗެކް ބައުންސްވި މައްސަލައެއްގައި އިންޑިއާގެ ސުޕްރީމް ކޯޓަށް ހާޒިރު ކުރުމަށްފަހު މަޝްހޫރު ބޮލީވުޑް ކޮމެޑިއަން ރާޖްޕާލް ޔާދަވް އަށް ކޯޓުން ވަރުގަދަ އިންޒާރެއް ދީ، އޮކްޓޯބަރު 13ގެ ކުރިން ދެ ކްރޯޑް އިންޑިއަން ރުޕީސް ދެއްކުމަށް އަމުރު ކޮށްފިއެވެ.

މި މައްސަލައަކީ ރާޖްޕާލް އުފެއްދި ފިލްމު "އަތާ ޕަތާ ލާޕަތާ"އަށް ނެގި ލޯނަކާ ގުޅިގެން ދޫކުރި ޗެކްތަކެއް ބައުންސް ވުމުން އަމިއްލަ ކުންފުންޏަކުން ހުށަހެޅި މައްސަލައެކެވެ. މީގެ ކުރިން ކޯޓުން ވަނީ އޭނާގެ މައްޗަށް ތިން މަސްދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވާފަ އެވެ.

ކޯޓުގެ އަޑު އެހުމުގައި އިންޑިއާގެ އުއްތަމަ ފަނޑިޔާރު ވަނީ ރާޖްޕާލްގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

"އުސޫލެއްގެ ގޮތުން ބަލާއިރު ރާޖްޕާލް ހުންނަން ޖެހޭނީ ޖަލުގައި. ތިޔަ އަމަލުކުރި ގޮތުން އަދިވެސް އަހަރެމެން ހިތްހަމައެއް ނުޖެހޭ. ނަމަވެސް 1.15 ކްރޯޑް ރުޕީސް ގެނެސްދީފައިވާތީ، ފައިސާ ދެއްކުމަށް އިތުރު ފުރުސަތެއް ދެނީ،" ކޯޓުން ބުންޏެވެ.

މީގެ އިތުރުން އުއްތަމަ ފަނޑިޔާރު ވަނީ މިހާރު އޭނާ ފައިސާތައްވެސް އެ ފިލްމުގެ ނަމާ އެއްގޮތަށް 'ލާޕަތާ' (ގެއްލި)ފައިވާ ކަމަށް ބުނެފަ އެވެ.

"އުއްމީދު ކުރަނީ މިއިން ފިލާވަޅެއް ލިބިއްޖެ ކަމަށް. ރަނގަޅު ފިލްމު އުފައްދައިގެން މީހުން މުނިފޫހިފިލުވައިދީ، އޭރުން އަމިއްލަ އަބުރު އަލުން އިއާދަވާނެ،" މަލާމާތުގެ ރާގަކަށް ފަނޑިޔާރު ވިދާޅުވި އެވެ.

ރާޖްޕާލްގެ ގާނޫނީ ވަކީލު ވަނީ 1.15 ކްރޯޑް ރުޕީސްގެ ޑިމާންޑް ޑްރާފްޓެއް ކޯޓަށް ހުށަހަޅާފަ އެވެ. ބާކީ އޮތް 85 ލައްކަ ރުޕީސް ދެއްކުމަށްޓަކައި، ރާޖްޕާލްގެ މިލްކިއްޔާތުގައިވާ ގޭގޭގެ ތެރެއިން ގެއެއް ގަންނަ ފަރާތްވެސް ކޯޓަށް ހާޒިރު ވެފައިވާ ކަމަށް ވަކީލު ބުންޏެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ ބާކީ ހުރި ފައިސާ ހަމަކޮށް، އޮކްޓޯބަރު 13ގެ ކުރިން ޖުމްލަ ދެ ކްރޯޑް ރުޕީސް ކޯޓަށް ދެއްކުމަށް ރާޖްޕާލްއަށް ސުންގަޑިއެއް ކަނޑައަޅާފަ އެވެ.