ޓެރަރިޒަމާ ދެކޮޅު ބޮޑު އޮޕަރޭޝަނެއް ފުލުހުން ބ. ދަރަވަންދޫގައި ކުރިއަށް ގެންގޮސް މީހަކު ހައްޔަރުކޮށްފި އެވެ.
މިހާރު ވެސް ކުރިއަށް ގެންދާ އެ އޮޕަރޭޝަނުގައި ފުލުހުން ދަނީ ޓެރަރިޒަމާ ގުޅުންހުރި ކަމަށް ޝައްކުކުރެވޭ ގެތަށް ބަލައި ފާސް ކުރަމުންނެވެ. މީގެ ކުރިން ޓެރަރިޒަމާ ދެކޮޅަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގައި ސިފައިން ބައިވެރިވިޔަސް ދަރަވަންދޫ އޮޕަރޭޝަންގައި ސިފައިން ބައިވެރިނުވެ އެވެ.
ދަރަވަންދޫ އޮޕަރޭޝަންގެ މައުލޫމާތު އަދި ފުލުހުން ހިއްސާ ނުކުރެ އެވެ. މިއީ ޓެރަރިޒަމާ ދެކޮޅަށް ފުލުހުން މިފަހުން ހިންގާ ތިން ވަނަ އޮޕަރޭޝަނެވެ.
މީގެ ކުރިން އައްޑޫ ސިޓީގައި ވެސް ފުލުހުން އޮޕަރޭޝަނެއް ހިންގައި އައިއެސް ޖަމާއަތާ ގުޅުން އޮތް ހަތް މީހަކު ހައްޔަރުކޮށް ވަނީ ބަންދު ޖަހާފަ އެވެ. އޭގެ ފަހުން ކ. ގުރައިދޫއާ އިންވެގެން އޮންނަ ކުޑަ ފަޅު ރަށެއް ކަމަށްވާ ޅޮސްފުށި ވެސް ފުލުހުން ވަނީ ބަލާފާސްކޮށްފަ އެވެ. އެ އޮޕަރޭޝަންތަކުގައި ސިފައިން ވެސް ބައިވެރިވި އެވެ.
ރޭގެ ވަގުތެއްގައި މާލެއިން ހަރުކަށި ފިކުރު ފަތުރާ ބޮޑަކު ހައްޔަރުކުރި އެވެ. އޭނާގެ ބަންދަށް މިހާރު ވަނީ 15 ދުުވަސް ޖަހައިފަ އެވެ.