ބޮލީވުޑްގައި ފިޔަ ޖަހަމުން އަންނަ ޖެކޮލިން ފެރްނާންޑޭޒްގެ ފުރަތަމަ ހޮލީވުޑް ފިލްމުން ފެނިގެންދާނީ ފުލުހެއްގެ ރޯލުންކަން އާއްމު ވެއްޖެ އެވެ.

ލީނާ ޔާދަވް ޑައިރެކްޓްކޮށް އުފައްދާ މި ފިލްމުގައި މުޅިން އަންހެން ތަރިން ހިމެނޭ ގޮތަށް ޖުމްލަ ހަ ވާހަކައެއް ހިމެނޭނެ އެވެ. އަންހެނުންގެ ބޮޑު ދައުރެއް ފެނިގެންދާ މި ފިލްމުގެ ނަމަކީ "ވުމަންސް ސްޓޯރީޒް" އެވެ.

މި ފިލްމުގެ އިތުރު ތަފްސީލް ލިބިފައި ނުވި ނަމަވެސް ފިލްމުގައި ޖެކޮލިންގެ ރޯލު ތަފާތުވާނެ ކަމަށް އެނގިފައިވެ އެވެ.

ފާއިތުވި އޮކްޓޯބަރު މަހު ޝޫޓިން ނިންމާފައިވާ މި ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އެނގިފައި ނުވާއިރު، ޖެކޮލިން ދަނީ އިތުރު ބޮލީވުޑް މަސައްކަތްތައް ވެސް ކުރަމުންނެވެ. އެގޮތުން އޭނާ ދަނީ ރަންވީރު ސިންގް އާއެކު ފެނިގެންދާ ރޯހިތު ޝެޓީގެ ފިލްމެއްގައި ވެސް ހަރަކާތްތެރިވަމުންނެވެ.

ނަމަވަސް މި ހުރިހާ މަސައްކަތްތަކެއް އެއްފަރާތް ކުރުމަށްފަހު، ޖެކޮލިން ދަނީ އިންޑިއާއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ހާލަތުގައި އާއްމުންނަށް އެހީވާން ކޮވިޑް ކެއާ ސެންޓަރެއްގައި މަސައްކަތް ކުރަމުންނެވެ.