ލޮސް އެންޖަލަސް ( 20 މެއި ) - ދުނިޔޭގެ އެންމެ ބޮޑު ސޯސަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ފޭސްބުކް އިން ވަނީ އިޒްރޭލާއި ފަލަސްތީނާއި ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކާ ގުޅިގެން އެ ޕްލެޓްފޯމްގައި ކުރެވޭ ޕޯސްޓްތައް މޮނީޓާ ކުރުމަށް ޓީމެއް އެކުލަވާލާފަ އެވެ.

މި ކުރިމަތިލުންތަކުގެ ތެރެއިން ދޮގު މައުލޫމާތު ފެތުރުމާއި ނަފުރަތު ފެތުރުން އަދި އަނިޔާވެރި ކަމަށް ގޮވާލާ ގޮވާލުންތައް ފޭސްބުކްގައި ވަނީ އިންތިހާއަށް ގިނަވެފަ އެވެ.

"މިސެންޓަރުގެ ސަބަބުން މައްސަލައިގެ ހަގީގަތް ބަލާ ކުންފުނީގެ އުސޫލުތަކާ ހިލާފުވާ ފަދަ ކޮންޓެންޓްތައް އަވަހަށް ފޮހެލުމަށް ފަސޭހަވެގެން ދާނެ،" ފޭސްބުކްގެ ކޮންޓެންޓް ޕޮލިސީގެ ނައިބު ރައީސް މޮނިކާ ބެކާޓް ވިދާޅުވި އެވެ.

ފޭސްބުކް އިން ވަނީ ހިނގަމުންދާ މައްސަލަ އާއި ގުޅޭގޮތުން ދެ ގައުމުގެ އިސްވެރިންނާ ވެސް ވާހަކަ ދައްކާފަ އެވެ.

ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީން ވަނީ ފޭސްބުކްގެ ދަށުން ހިންގާ ވަޓްސްއެޕްގައި ޕްރައިވެޓް ގްރޫޕްތައް ހަދައި ފަލަސްތީގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި ހަމަލާތައް އެ ގްރޫޕްތަކުގައި ރާވަން ފަށާފަ އެވެ. ނަމަވެސް ވަޓްސްއެޕަކީ ޕްރައިވެޓް މެސެޖިން ސާވިސް އަކަށްވުމާއެކު އެ އެޕްލިކޭޝަންގައި ހިއްސާކުރެވޭ ކޮންޓެންޓްތައް އެ ކުންފުންޏަށް ޑިލީޓް ކުރެވެން ނެތް ކަމަށް ފޭސްބުކް އިން ބުނެ އެވެ.

ފޭސްބުކްއިން ވަނީ ފަލަސްތީނުގެ ހަމާސް ޖަމާއަތުން އެ ޕްލެޓްފޯމްގައި ހިންގާ އެކައުންޓް ސަސްޕެންޑްކޮށް އާއްމުންނަށް ނުފެންނަ ގޮތް ހަދާފަ އެވެ.-- އަލް އަރަބިއްޔާ