އިންޑިއާގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ބްލެކް ފަންގަސްއަކީ ކޮވިޑުން ރައްކާތެރިވުމުގެ ނަމުގައި އިންޑިއާގެ ގިނަ ބަޔަކު ގެރީގެ ނަޖިސް ބޭނުންކުރުމުގެ ނަތީޖާއަށް ވެދާނެ ކަމަށް އިންޑިއާގެ ޑޮކްޓަރުން ހާމަކޮށްފި އެވެ.

އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވުމާއެކު ގިނަ ބަޔަކު ގެރީގެ ނަޖިސް އެއްކޮށްފައިވާ ފެނުން ފެންވަރައި މުޅި ހަށިގަނޑުގައި އުނގުޅާ ވީޑިއޯތަކެއް ސޯސަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ.

ކޮވިޑް އިން ރައްކާތެރިވުމަށް ގެރީގެ ނަޖިސް ބޭނުން ކުރަނީ ކީއްވެ؟

ގެރިއަކީ އިންޑިއާގައި ބޮޑު އާބާދީއެއް އޮންނަ ހިންދޫ ދީނުގައި ދުނިޔެ އާއި ދިރިއުޅުމުގެ ނިޝާނެއްގެ ގޮތުގައި ގަބޫލުކުރާ މާތް ޖަނަވާރެކެވެ. އެގޮތުން ގެދޮރު ސާފުކުރުމާއި އަޅުކަން ކުރާ ފައްޅިތައް ސާފުކުރުމުގައި ހިންދޫއިން ޒަމާނުއްސުރެ ގެރީގެ ނަޖިސް ބޭނުން ކުރެ އެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި ގެރީގެ ނަޖިހަކީ އޭގައި އެންޓި ސެޕްޓިކް އަދި އެންޓި ބެކްޓީރިއަލް މާއްދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ.

އެހެން ނަމަވެސް ޑޮކްޓަރުންނާއި ސައިންސްވެރިން ވަނީ ކޮވިޑްގެ ފަރުވާއެއްގެ ގޮތުގައި ގެރީގެ ނަޖިސް ބޭނުން ނުކުރުމަށް އެދި އެކަމުގެ ސަބަބުން ސިއްހީ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް އާއްމުންނަށް ދީފަ އެވެ.

"ގެރީގެ ނަޖިހަކީ ކޮވިޑް-19 އަށް އޮތް ފަރުވާއެއްކަމުގައި އެއްވެސް ސައިންޓިފިކް ހޯދުންތަކަކުން ނުދައްކާ. އެކަމަށް އެއްވެސް ހެއްކެއް ނެތް. އެއީ ހަމައެކަނި ގަބޫލުކުރުންތަކެއްގެ މައްޗަށް ބިނާކޮށް ކުރާ ކަމެއް،" އިންޑިއަން އެސޯސިއޭޝަންގެ ރައީސް ޑރ. ޖޭ އޭ ޖަޔަލާލް ވިދާޅުވި އެވެ.

ބްލެކް ފަންގަސް އަކީ ކޮބާ؟

މި ފަންގަލް އިންފެކްޝަން އަކީ އަހަރެމެންގެ ވަށައިގެންވާ މާހައުލުގައިވާ ބައެއް ތަކެތީގައި މިއުކްރޯމައިސިޓްސް ނަމަކަށް ކިޔާ ޖަރާސީމަކުން ފެތުރޭ ބައްޔެކެވެ. މި ޖަރާސިމު އާއްމުކޮށް ފެންނަ ތަކެތީގެ ތެރޭގައި ވެއްޔާއި ގެރީގެ ނަޖިސް ހިމެނެ އެވެ.

މި ބަލި ޖެހުމުގެ ފުރުސަތު ބޮޑީ ހަކުރު ބަލި ފަދަ ދިގު މުއްދަތަކަށް ފަރުވާ ހޯދަންޖެހިފައިވާ އަދި އެ ބަލިތަކަށް ބޭސްކާ މީހުންނަށެވެ. ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި މީހުންނަށެވެ. އެފަދަ މީހަކަށް ކޮވިޑް-19 ޖެހިއްޖެނަމަ މި ބަލި ޖެހުމުގެ ފުރުސަތު އިތުރަށް ބޮޑުވެ އެވެ.

މި ބަލިން ބޮޑަށް އަސަރުކުރަނީ ޖަރާސީމު ހަށިގަނޑަށް ވަންނަ ގުނަވަންތައް ކަމަށްވާ ލޮލާއި ނޭފަތާއި އަނގަ އަށް ކަމަށް ވިޔަސް ފުއްޕާމެއާއި ސިކުނޑި ފަދަ އެތެރެ ހަށީގެ ގުނަވަންތަކަށް ވެސް މި ބަލީގެ އަސަރު ކުރެ އެވެ.

ކޮންޓްރޯލް ނުވާ ހަކުރުބަލި ހުންނަ މީހުންނަށް ކޮވިޑް ޖެހި ރަނގަޅުވުމަށް ފަހު ބަލެކް ފަންގަސް ޖެހުމުގެ ފުރުސަތު އިންތިހާ އަށް ބޮޑުވެ އެވެ.

މިފަހަކަށް އައިސް ބްލެކް ފަންގަސްގެ ގިނަ ކޭސްތަކެއް ވަނީ އިންޑިއާގެ ގިނަ ސަރަހައްދުތަކުން ފެންނަން ފަށައިފަ އެވެ.

ގެރީގެ ނަޖިހާ ބްލެކް ފަންގަސް އާ ހުރި ގުޅުމަކީ ކޮބާ؟

ޑޮކްޓަރުންނާއި މާހިރުން ބުނާގޮތުގައި ކޮވިޑުން ރަނގަޅުވުމަށް ފަހު ގެރީގެ ނަޖިހާ ގާތްވެ އުޅުމަކީ އަދި އެއްވެސް ގޮތަކަށް އެ ތަކެތި ބޭނުން ކުރުމަކީ ބްލެކް ފަންގަސް ޖެހުމަށް މަގުފަހިވާ ކަމެކެވެ.

އެމެރިކާގެ ސެންޓާ އޮފް ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ވެބްސައިޓްގައިވާ ގޮތުން ޖަނަވާރުންގެ ނަޖިހަކީ ފަންގަލް ޖަރާސީމު ގިނަ އަދަދަކަށް އެކުލެވިގެންވާ އެއްޗެކެވެ.

އިންޑިއާގައި ހަލުވިކަމާއެކު ފެތުރެމުންދާ ބްލެކް ފަންގަސް ރާއްޖެއިން ވެސް މިހާރު ފެނިފައިވާކަމުގެ ރިޕޯޓްތައް ވަނީ މީޑިއާތަކުގައި ފެތުރިފަ އެވެ. ނަމަވެސް މިކަން އަދި އެޗްޕީއޭއިން ޔަގީންކޮށް ނުދެ އެވެ. އެ ބަލި ޖެހިފައިވާ ކަމަށް ޝައްކުވެގެން އައިޖީއެމްއެޗަށް ދެއްކި މީހެއްގެ ސާމްޕަލް މިހާރު ވަނީ ޓެސްޓްކުރަން އިންޑިއާއަށް ފޮނުވައިފަ އެވެ.

ގެރީގެ ނަޖިހަކީ ދިވެހިންގެ ތެރޭގައި ވެސް ގަސްކާނާގެ ގޮތުގައި އާއްމުކޮށް ބޭކުންކުރެވޭ އެއްޗަކަށް ވީ ހިނދު، އެތަކެތި ބޭނުންކުރުމުގައި ސަމާލުވާން ޖެހެ އެވެ.