ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ގެންގުޅޭ ވަކި އާދައެއްގެ ސަބަބުން، ނުތަނަވަސްކަން ނުވަތަ އެންޒައިޓީ އާއި ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތަކުގެ އަލާމާތްތައް ފެނުމުގެ ފުރުސަތު ބޮޑުވާކަން ދިރާސާއަކުން ދައްކައިފި އެވެ.
ނޯވޭގެ ދިރާސާވެރިން ވަނީ ސޯޝަލް މީޑިއާގައި ކުރެވޭ ފަސް ކަމެއް ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރު ދިރާސާކޮށްފަ އެވެ. އޭގެ ތެރޭގައި އެހެން މީހުންނާ ތިމާގެ ނަފްސު އަޅާކިޔުން، ވަގުތު ހޭދަކުރުން، އެހީތެރިކަން ހޯދުން އަދި އެހެން މީހުންނާ މެދު ނޭދޭވޭ ގޮތްގޮތަށް އަމަލުކުރުން ހިމެނެ އެވެ.
މި ދިރާސާއިން ދެއްކި ގޮތުގައި، ސޯޝަލް މީޑިއާގައި ތިމާގެ ދިރިއުޅުން އެހެން މީހުންގެ ދިރިއުޅުމާ އަޅާކިޔުމަކީ ނަފްސާނީ ފަސް ބައްޔެއްގެ އަލާމާތްތައް ފެނުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބެވެ. އޭގެ ތެރޭގައި އޭޑީއެޗްޑީ، އޮޕޮޒިޝަނަލް ޑެފިއަންޓް ޑިސްއޯޑާ، ޖެނެރަލް އެންޒައިޓީ ޑިސްއޯޑާ އަދި ސޯޝަލް އެންޒައިޓީގެ އިތުރުން ޑިޕްރެސިވް ޑިސްއޯޑާ ހިމެނެ އެވެ.
އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު "ޗައިލްޑް އެންޑް އެޑޮލެސެންޓް ސައިކޭޓްރީ އެންޑް މެންޓަލް ހެލްތު" މަޖައްލާގައި ޝާއިއުކުރި މި ދިރާސާއާ ގުޅޭގޮތުން ބާތު ސްޕާ ޔުނިވާސިޓީގެ ޕްރޮފެސަރު ޕީޓާ އެޗެލްސް ވިދާޅުވީ، ސޯޝަލް މީޑިއާގައި ހޭދަކުރާ ވަގުތުގެ މިންވަރަށް އެކަނި ބެލުމުގެ ބަދަލުގައި، އެ ވަގުތުތަކުގައި ކުރަނީ ކޮންކަމެއްތޯ ބަލަންޖެހޭ ކަމަށެވެ. އަދި އަމިއްލަ ނަފްސު އެހެން މީހުންނާ އަޅާކިޔާއިރު، ތިމާ ޝައުގުވެރިވާ ދާއިރާތަކުން ކުރިއަރާފައިވާ މީހުންނާ އަޅާކިޔުމާއި، ނާކާމިޔާބީތަކާ އަޅާކިޔުމުން ކުރާ އަސަރުތައް ދެނެގަތުން މުހިންމު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މި ދިރާސާގައި ނޯވޭގެ 4،000 އަށްވުރެ ގިނަ ފުރާވަރުގެ ކުދިން ބައިވެރިވި އެވެ. މި ކުދިންގެ އެވްރެޖް އުމުރަކީ 14 އަހަރެވެ. ދިރާސާވެރިން ވަނީ ފޯނު މެދުވެރިކޮށް ކުރި ސުވާލުތަކަކުން އެކުދިންގެ ނަފްސާނީ ހާލަތު ވަޒަންކޮށްފަ އެވެ.
ދިރާސާގެ ނަތީޖާއިން ދެއްކި ގޮތުގައި، އެންޒައިޓީއާއި ޑިޕްރެޝަންގެ އަލާމާތްތަކުގެ 20 އިން 26 އިންސައްތައާ ދެމެދުގެ މިންވަރަކީ ސޯޝަލް މީޑިއާގައި ކުރެވޭ އަޅާކިޔުންތަކާ ގުޅުންހުރި ކަންކަމެވެ. އޭޑީއެޗްޑީ ފަދަ ބަލިތަކުގައި މިއީ 6 އިން 9 އިންސައްތަ އެވެ. ދެވަނައަށް އެންމެ ބޮޑު އަސަރެއް ކުރަނީ އެހެން މީހުންގެ ފަރާތުން ކުރިމަތިވާ ގޯނާ ނުވަތަ ބަދުބަސްތަކުންނެވެ. ނަމަވެސް، ހަމައެކަނި ވަގުތު ބޭކާރުކޮށްލުމަށް ސޯޝަލް މީޑިއާ ބޭނުންކުރުމާއި ނަފްސާނީ ބަލިތަކުގެ އަލާމާތްތަކާ ސީދާ ގުޅުމެއް ހުރިކަމަކަށް މި ދިރާސާއަކުން ނުދައްކަ އެވެ.
އެޗެލްސް އިތުރަށް ވިދާޅުވީ، ސޯޝަލް މީޑިއާގައި ހޭދަކުރާ ހުރިހާ ވަގުތަކީ އެއްގޮތް ވަގުތުތަކެއް ނޫން ކަމަށެވެ. އެހެންކަމުން، ސޯޝަލް މީޑިއާ ބޭނުންކުރުމާ މެދު ކަންބޮޑުވާނަމަ، ބަލަންވީ ހޭދަކުރާ ވަގުތުގެ މިންވަރަށްވުރެ ބޮޑަށް، އެ ވަގުތުތަކުގައި ކުރަނީ ކީއްތޯއާއި އެކަމުން ކުރަނީ ކޮން އިހުސާސެއްތޯ އެވެ. ވަކި ޕްލެޓްފޯމެއް ބޭނުންކުރުމަށްފަހު އަމިއްލަ ނަފްސަށް ކުރެވޭ އިހުސާސް ރަނގަޅު ނޫންނަމަ، އެއީ ބަދަލެއް ގެންނަންޖެހިފައިވާ ކަމުގެ ނިޝާނެއް ކަމަށް އޭނާ ލަފާދެއްވި އެވެ.
ހޯކްސްއިން ޕެޓްރޯލް ލީޓަރެއްގެ އަގު 18.50 ރުފިޔާއަށް ބޮޑުކޮށްފި
ދިރާގުޕޭއިން ބިލް ދައްކައިގެން މެލޭޝިއާއަށް ދިއުމުގެ ފުރުސަތު
މި މަހުގެ 12 ވާ ބުރާސްފަތި ދުވަސް ބަންދުކޮށްފި