ރަންބީރު ކަޕުރަކީ އޭނާގެ އެކްޓް ކުރުމުގެ ހުނަރާ މެދު ޝައްކުކުރެވޭ ފެންވަރުގެ އެކްޓަރެއް ނޫނެވެ. އެއަށްވުރެ އޭނާގެ އެކްޓިން މާ ފުރިހަމަ އެވެ. ރޮކްސްޓާ، ބަރްފީ އަދި ތަމާޝާ ފަދަ ފިލްމުތަކުން އޭނާ ވަނީ މިކަން ރަނގަޅަށް ވެސް ސާބިތުކޮށްދީފަ އެވެ.

މިހާރު، މީހަކު ލައްވާ ކޮލިޓީ ރަނގަޅު މަސައްކަތެއް ކުރުވަންޏާ އެކަމަށް އެކަށީގެންވާ އުޖޫރައެއް ވެސް ދޭން ޖެހެ އެވެ. ފިލްމް އިންޑަސްޓްރީގައި ވެސް މިކަން އޮތީ މިގޮތަށެވެ.

ރަންބީރު ކަޕޫރާއި އެކު މަސައްކަތް ކުރަން ފިލްމް އުފައްދާ ގިނަ ފަރާތްތަކުން ބޭނުންވެ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ރަންބީރު ފިލްމެއް ކުޅެދެނީ 20 ކްރޯޑް ރުޕީސް އަށެވެ. މިއީ ދިވެހި ރުފިޔާއިން ބަލާއިރު 41 މިލިއަނަށްވުރެ ބޮޑު އަގެކެވެ.

ފީ ކިތަންމެ ބޮޑުވިިޔަސް އެ ފައިސާގެ އަގަށްވާ ވަރަށް ރަންބީރުގެ ފަރާތުން މަސައްކަތް ފެނި، ފިލްމު ހިނގައިގަންނާނެކަމާ މެދު ޝައްކެއް ނެތެވެ. ހުރިހާ ވެސް ޝުކުރެއް އޭނާގެ މަޝްހޫރުކަމާއި ހުނަރާއި ބޮޑު ފޭން ބޭސްއަށެވެ.