އޮސްޓްރޭލިއާގެ ބްރިސްބޭންގެ ރެސްޓޯރެންޓެއްގައި މަސައްކަތްކުރި އިޓަލީގެ ޝެފެއް، ޕިއްޒާގައި އަލަނާސި އެޅުމަކީ އޭނާގެ ސަގާފަތަށް ކުރެވޭ އިހާނެތްކަމެއް ކަމަށް ބުނެ އެކަމަށް އިންކާރުކުރުމުން ވަޒީފާއިން ވަކިކޮށްފި އެވެ.
މިހާރު ބަންދުކޮށްފައިވާ "ލާ ކޮސްޓާ" ރެސްޓޯރެންޓުން ޑޭވިޑް ޓެމްބުރެއްލާ ވަޒީފާއިން ވަކިކުރީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.
ހަފުލާއެއްގެ މެހުމާނުންނަށް ތައްޔާރުކުރި ޕިއްޒާއަށް ހޭމް އާއި އަލަނާސި އެޅުމަށް ޓެމްބުރެއްލާ އިންކާރުކުރި ކަމަށް އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި ހިމެނެ އެވެ. އެ ވަގުތު އޭނާ ބުނެފައިވަނީ، މެނޭޖްމަންޓުން ކުރާ އަމުރަކީ އޭނާގެ ސަގާފަތަށް އުނިކަން އަންނަ ކަމެއް ނަމަ، އެއަށް ކިޔަމަންވާން ނުޖެހޭނެ ކަމަށެވެ.
މިކަން ހާމަވީ، އޭނާ ވަޒީފާއިން ވަކިކުރީ ބޭއިންސާފުން ކަމަށް ބުނެ އޮސްޓްރޭލިއާގެ ފެއާ ވޯކް ކޮމިޝަނަށް މައްސަލަ ހުށަހެޅުމުންނެވެ.
އަންގާރަ ދުވަހު ކޮމިޝަނުން ނެރުނު ނިންމުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޓެމްބުރެއްލާ ޕިއްޒާއަށް އަލަނާސި އެޅުމަށް ދެކޮޅު ހެދީ، އިޓަލީ މީހެއްގެ ހައިސިއްޔަތުން އެއީ އޭނާގެ ސަގާފަތަށް ލިބޭ ހުތުރެއް ކަމަށް ގަބޫލުކުރާތީ އެވެ. އަދި ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި ޕިއްޒާގައި އަލަނާސި ބޭނުންކުރުމަށް އޭނާ އިންކާރުކުރި މިއީ ތިންވަނަ ފަހަރުކަން ވެސް ފާހަގަކޮށްފައިވެ އެވެ.
އޭނާ މީގެ ކުރިން ވަނީ، ޕިއްޒާއަށް އަލަނާސި ނޭޅުމަކީ އިޓަލީ މީހުންނަށް ކިހާ މުހިންމު ކަމެއްތޯ ބަލައިލުމަށް އޭނާގެ ވެރިޔާގެ ކިބައިން އެދިފަ އެވެ.
މި ރެސްޓޯރެންޓް ހުންނަ ކުއީންސްލޭންޑް ދައުލަތަކީ އޮސްޓްރޭލިއާގައި އެންމެ ފުޅާދާއިރާއެއްގައި އަލަނާސި ހައްދާ ސަރަހައްދެވެ. އެ ސަރަހައްދުގެ ސަންޝައިން ކޯސްޓުގައި ހުންނަ، 16 މީޓަރު އުސްމިނުގެ "ދަ ބިގް ޕައިންއެޕަލް" ބިނާއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ތަނެކެވެ.
އަލަނާސީގެ މައްސަލާގެ އިތުރުން، ޓެމްބުރެއްލާ ހުތުރުބަހުން ވާހަކަދެއްކުމާއި، މުއާމަލާތްކުރުމުގައި ހުންނަ މައްސަލަތަކާއި، މަސައްކަތުގެ މާހައުލުގައި ރުޅިގަދަވުމުގެ ޝަކުވާތައް ވެސް މެނޭޖްމަންޓުން ހުށަހަޅާފައިވެ އެވެ. އަދި މިދިޔަ އޭޕްރީލް މަހު މަސައްކަތުގެ ތެރޭގައި ދަގަނޑު ރެއިލިންއެއްގައި ޖެހި، އޭނާގެ ކަނާތުގެ ކަށިތަކެއް ބިންދައިގެން ދިޔަ ހާދިސާއެއްގެ ތަފުސީލު ވެސް ނިންމުމުގައި ހިމަނާފައިވެ އެވެ.
ޓެމްބުރެއްލާ އުންމީދުކޮށްގެން ހުރީ އެ ރެސްޓޯރެންޓް މެދުވެރިކޮށް ދާއިމީ ރެސިޑެންސީ ވިސާއެއް ހޯދުމަށެވެ. ނަމަވެސް އޭނާ ވަޒީފާއިން ވަކިކުރުމާ އެކު، ރެސްޓޯރެންޓުން ވަނީ އެ މަރުހަލާ ކުރިއަށް ނުގެންދަން ނިންމާފަ އެވެ.
އޭނާ ހުށަހެޅި މައްސަލަ ކޮމިޝަނުން ބޭރުކޮށްލީ، މައްސަލަ ހުށަހަޅަންޖެހޭ މުއްދަތު ހަމަވި ފަހުން ހުށަހެޅުމާ ގުޅިގެންނެވެ. ރެސްޓޯރެންޓުގެ މެނޭޖިންގ ޑިރެކްޓަރ އެލިއަޓް އިންގްރަމް ބުނި ގޮތުގައި، މިއީ ހަމައެކަނި ޕިއްޒާ މަތީގައި އަޅާ އެއްޗެއްގެ މައްސަލައެއް ނޫނެވެ.
އީރާންގެ ލީޑަރު ޚާމަނާއީގެ ހާއްސަ މެސެޖެއް ޕުޓިންއަށް
މީހުން ދޮގުހަދަނީ ކީއްވެ؟ މިފަދަ ކަންކަމާ ކުރިމަތިލާނެ ގޮތް