ފަލަސްތީނުގެ ބިމުގައި ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ގަދަކަމުން އުފައްދާފައިވާ އިޒްރޭލު 1947 ގައި އުފެދުނު ފަހުން އިޒްރޭލާއި ފަލަސްތީނުގެ މުސްލިމުންނާ މެދު ހިނގާ ހަމަނުޖެހުންތައް ދަނީ ކުރިޔަށެވެ.
މި ހަމަ ނުޖެހުންތައް ބިނާވެފައި އޮންނަނީ ފަލަސްތީނުގެ ރައްޔިތުން ގެދޮރުން ނެރެ އެ މީހުންގެ ފޭރިގަނެ ދުނިޔޭގެ އެތަން މިތަނުން ޔަހޫދީން އިޒްރޭލަށް ގެންގޮސް އާބާދު ކުރުމަށް ހިންގާ މަޝްރޫއުތަކާ އެވެ. މި ހަރަކާތްތަކުގައި ގެދޮރުން ބޭރުކޮށް އަނިޔާ ލިބޭ މީހުން އެކަމާ ދެކޮޅު ހެދުމަށްކުރާ އިހުތިޖާޖުތައް ރޫޅާލުމަށް ހިންގާ ލާއިންސާނީ އަނިޔާތަކުން ފެށޭ ހަމަ ނުޖެހުން ގިނަފަހަރަށް ނިމިގެންދަނީ އިޒްރޭލުން ވައިގެ މަގުން ހަމަލާދީ ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުކޮށްލައި ސްކޫލްތަކާ ހޮސްޕިޓަލްތަކާ ގެދޮރުތައް ފުނޑުފުނޑު ކޮށްގެންނެވެ. އެހިސާބަށް ދާއިރު އެމެރިކާގެ ރައީސްގެ ގޮނޑީގައި ކޮންމެ މީހަކު ހުރި ނަމަވެސް ނެރޭނެ ރަސްމީ ސްޓޭޓްމެންޓެއް އޮންނާނެ އެވެ. އޭގައި އޮންނާނީ އިޒްރޭލަށް އެގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހަރަކާތްތެރިވުމުގެ ފުރިހަމަ ގާނޫނީ ބާރު ލިބިގެންވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެއާއެކު ފަލަސްތީނުގެ ރައްޔިތުން އަނިޔާވެރި އަމަލު ހުއްޓާލައި ސުލްހައަށް އިސްކަން ދިނުމަށް ގޮވާލުމެވެ.
އެއީ 12 ދުވަހަށް ދެމިގެންދާ އަނިޔާވެރި އުދުވާނުގައި ވެސް އަދި 2014 ވަނަ އަހަރުގެ އުދުވާނުގައި ވެސް ކަންތައް ވީގޮތެވެ. އަދި ހަމަ އެއީ އެމެރިކާ އެކޭ އެއްފަދައިން ދުނިޔޭގެ ބާރު ގަދަ ގައުމުތައް ކަމުގައި ބެލެވޭ ހުޅަނގުގެ ގިނަ ގައުމުތަކުން ވެސް ކަންތައް ކުރާ ގޮތެވެ.
ހުޅަނގުގެ ގައުމުތަކުން އިޒްރޭލާ މެދު އެގޮތަށް އަމަލު ކުރި ކަމުގައި ވިޔަސް މިފަހަރުގެ އުދުވާނާ ހަމަޔަށް ވެސް އަރަބި މުސްލިމު ގައުމުތަކުން އޮތީ އިޒްރޭލް ފަލަސްތީނުގެ މައްސަލާގައި ވަރަށް އެކަތިގަނޑަކަށްވެފަ އެވެ. މީގެ ކުރިން އިޒްރޭލް ފަލަސްތީނުގެ ހަމަނުޖެހުނަތަކުގައި އަބަދުވެސް އަރަބި އިސްލާމީ ގައުމުތަކުން އެއްވެސް ހިފެހެއްޓުމަކާ ނުލައި އިޒުރޭލް ކުށްވެރިކުރެ އެވެ. ގިނަ ގައުމުތަކުގައި މުޒާހަރާތައް ބާއްވަ އެވެ. އެ މުޒާހަރާތަކުގައި އިޒުރޭލުގެ ދިދަ އަންދަ އެވެ. އެކަމަކު މިފަހަރުގެ ހަމަނުޖެހުމާ ގުޅިގެން އަރަބި މުސްލިމު ގައުމުތަކުން ކުރިން އަމަލު ކުރަމުން އައި ގޮތް މިވަނީ ބަދަލުވެފަ އެވެ.
ބައެއް އަރަބި ގައުމުތަކާއި އޯއައިސީ އިން އިޒްރޭލުގެ އުދުވާނު ވަރަށް އާދައިގެ ގޮތަކަށް ކުށްވެރިކޮށްލި އިރު، އިޒުރޭލާ ދެކޮޅަށް ވާހަކަ ދެއްކުމަށް ފަސްޖެހުނު އަރަބި އިސްލާމީ ގައުމުތައް މިފަހަރު ފާހަގަ ކޮށްލެވުނެވެ. މީގެ ތެރޭގައި ޔުނައިޓެޑް އަރަބި އެމިރޭޓްސް އާއި ބަހުރެއިނާއި މޮރޮކޯ އާއި ސޫދާން ހިމެނެ އެވެ. މި ގައުމުތަކަކީ ކޮންމެ ވެސް ވަރަކަށް އިޒްރޭލާއެކު ސުލްހަ ގާއިމުކޮށްފައިވާ ގައުމު ތަކެވެ. މިއީ އިޒްރޭލުގެ 70 އަހަރުގެ ތާރީޚުގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާނުގައި އިޒްރޭލަށް ލިބުނު އެންމެ ބޮޑު އެއް ފަތަހަ ކަމަށް ބެލެވިދާނެ އެވެ.
އިޒްރޭލްގެ މައްސަލާގައި އަރަބިންގެ ފަރާތުން ފަލަސްތީނަށް ލިބެމުން ދިޔަ ހިފެހެއްޓުމެއް ނެތް ސަޕޯޓު ނެތެމުން ދިޔުމަކީ އިޒުރޭލުން މުޅި ފަލަސްތީނުގެ ބިމަށް ބާރު ފޯރުވަން ކުރަމުންދާ މަސައްކަތަށް ލިބިގެންދާނެ އިތުރު ބާރަކަށް ވާނެކަން ޔަގީނެވެ.
ހުޅަނގުން ބޭނުންވާ ގޮތަށް އަރަބި ގައުމުތަކުން ދީލާލަމުން ދިޔަކަމަށް ވިޔަސް ހުޅަނގުގެ ބޮޑެތި ގައުތަކުގައި އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑު އުފުލުން އަންނަނީ ގަދަވަމުންނެވެ. އެމެރިކާއާއި އިނގިރޭސި ވިލަތާއި ފްރާންސާއި އޮސްޓްރޭލިއާގައި އިޒްރޭލާ ދެކޮޅަށް އުފުލުނު އަޑު މިފަހަރު ހުރިހާ ފަހަރަކަށް ވުރެ ގަދަ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ބިންތައް ހިފުމަށް ފަށާއިވާ މަސައްކަތް ފުޅާކުރަމުން ދާއިރު އެ މީހުންނާ އެއްކޮޅަށް ބުރަވާ ގައުމުތައް ދުނިޔޭގައި ގިނަވަމުން ދިޔަ ކަމަށް ވިޔަސް އެ ގައުމުތަކުގެ އާންމު ރައްޔިތުންގެ ތެރޭގައި އިޒްރޭލަށް އޮތް ތާއީދު ދަނީ ކުޑަވަމުންނެވެ. މިއަދުގެ ހާލަތަށް ބަލާއިރު ފަލަސްތީނަށް އޮތް އެންމެ ބޮޑު އުންމީދަކީ ވެސް އެއީ އެވެ.
ކުޑަ ކުދިން އެއް ނޫ މީ ކުޅިވަރު ކުޅެން