ނުކުޅެދުންތެރިކަން ހުންނަ މީހުން ހޯދާ ކުރިއެރުންތަކާއި ކާމިޔާބީތައް ފާހަގަކުރުމަށާއި، އެ މީހުންގެ ލާބައާއި މަންފާއަށްޓަކައި އެކި ފަރާތްތަކުން ކުރަމުން އަންނަ އަގުހުރި މަސައްކަތްތައް ބަލައިގަތުމުގެ ގޮތުން ސަރުކާރުން ދެއްވާ "ރިވެލި އެވޯޑު 2026" ނުވަ ފަރާތަކަށް މިރޭ އަރުވައިފި އެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވި މި ހާއްސަ ހަފުލާ ޝަރަފުވެރިކޮށްދެއްވައި، އެވޯޑު ހާސިލުކުރި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

މިއަހަރުގެ ރިވެލި އެވޯޑު ހަ ދާއިރާއަކުން ދީފައިވާއިރު، ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި އެ ދާއިރާތަކުން ޖުމްލަ 25 ފަރާތަކުން ނަން ހުށަހެޅި އެވެ. އެގޮތުން އެވޯޑު ހާސިލުކުރި ފަރާތްތަކަކީ:

  • އަލީ ސަމީމް، ހދ. ކުރިނބި / ރިހިވެލި (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)
  • މުހައްމަދު ނާހިލް ސަލާމް، ސ. މަރަދޫ / އަސްރުމާގެ (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)
  • އާއިޝަތު ޝަފީގު، ހ. ޝަފީގުގެ (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ)
  • އަބްދުއްރައްޒާގު އަބްދުއްސަމަދު، ށ. ބިލެތްފަހި / ހަވީރީނާޒް (ރާއްޖެއަށް ރީތި ނަން ހޯދައިދިނުމުގެ ދާއިރާ)
  • އަމީނިއްޔާ ސްކޫލް (ތައުލީމު ފޯރުކޮށްދިނުމުގެ ދާއިރާ)
  • ފާތިމަތު މުހައްމަދު، ހދ. ކުޅުދުއްފުށި/ އަލްފާ (ފަންނީ އަދި ފަރުދީ އެހީތެރިކަމުގެ ދާއިރާ)
  • ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އިގްތިސޯދީ ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ)
  • ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް (އިގްތިސޯދީ ގޮތުން ބާރުވެރިކުރުވާ ކުންފުނިތަކުގެ ދާއިރާ)

މީގެއިތުރުން، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުން ރާއްޖޭގެ ގައުމީ ޔުނިވާސިޓީން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ފުރަތަމަ ފަހަރަށް ބެޗްލާސް ޑިގްރީ ހާސިލުކުރުމާ ގުޅިގެން، ށ. ކޮމަންޑޫ، އިސްމާއީލް ރާހިލްގެ އެ ތާރީހީ ކާމިޔާބީ ފާހަގަކޮށް، މިނިސްޓްރީގެ ފަރާތުން ވަނީ ހާއްސަ ހަނދާނީ ފިލައެއް އަރުވާފަ އެވެ.

ރިވެލި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، އިގްތިސޯދީ އަދި އިޖުތިމާއީ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ "އޯގާތެރި މުޖުތަމައު" ސިޔާސަތުގެ ދަށުން ބާއްވާ ގައުމީ ހަރަކާތެކެވެ. މިފަދަ އިނާމުތަކުގެ ސަބަބުން މުޖުތަމައުގައި އެފަދަ ފަރާތްތަކުގެ ހިއްސާއާއި ބައިވެރިވުން ފުޅާވެ، އެންމެން ޝާމިލުވާ އޯގާތެރި މާހައުލެއް ގާއިމުވެގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ފާހަގަކުރެ އެވެ.