ޗައިނާގެ މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީއަށް ޖާސޫސްކޮށްދޭ ކަމަށް އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން ގަބޫލުކުރާ އަންހެނަކާ އެކު، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގް ލޯބީގެ ގުޅުމެއް ބޭއްވި ކަމަށް ފައިނޭންޝަލް ޓައިމްސް (އެފްޓީ) އިން ރިޕޯޓުކުރިތާ ދެ ދުވަސް ފަހުން، އޭނާ އެފަދަ ގުޅުމެއް ބޭއްވި ކަމަށް އިއުތިރާފުވެއްޖެ އެވެ.

އާދީއްތަ ދުވަހު ކުންފުނީގެ މުވައްޒަފުންނަށް ފޮނުއްވި އެތެރޭގެ މެސެޖެއްގައި ހުއަންގް ވަނީ މިކަން ހާމަކޮށްފަ އެވެ. "އަހަންނަށް ކުރެވުނު ކަންތަކަށްޓަކައި އަހަރެންގެ އާއިލާއާއި ތިޔަ ހުރިހާ މުވައްޒަފުންގެ ކިބައިން މައާފަށް އެދެން،" އޭނާ މުވައްޒަފުންނަށް ފޮނުވި މެސެޖްގައި ބުނެފައިވެ އެވެ.

"އަހަރެން އަނބިމީހާއަށް ބޭވަފާތެރިވެއްޖައިން. އަހަރެންގެ އަމަލުތަކުގެ ސަބަބުން އޭނާއަށާއި އަހަރެމެންގެ ދަރިންނަށް ވަރަށް ބޮޑު ހިތާމައެއް ލިބިއްޖެ. އަހަރެން ކުރި ކަންތަކަށް ދެއްކޭނެ އެއްވެސް އުޒުރެއް ނެތް. އަހަރެން މިކަމާ ވަރަށް ބޮޑަށް ދެރަވޭ،" އޭނާގެ މެސެޖުގައި ވެއެވެ.

މިކަމާ ގުޅިގެން އެންވީޑިއާއިން ނެރުނު ވަކި ބަޔާނެއްގައި ބުނެފައިވަނީ، ކުންފުނީގެ ބާނީ އަދި ސީއީއޯ ޖެންސަން ހުއަންގްއަކީ ބޭރުގެ ޖާސޫސީ އިދާރާއެއްގެ އަމާޒަކަށް ވެފައިވާ ކަމަށް ފަހުގެ ރިޕޯޓުތަކުން ހާމަވާތީ އެ ކުންފުނީގެ ބޯޑުން މި މައްސަލައިގެ މިނިވަން ތަހުގީގެއް ފަށާނެ ކަމަށެވެ.

އެމެރިކާގެ އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މި އަހަރުގެ ކުރީކޮޅު އެކުލަވާލި މެމޯއަކާ ހަވާލާދީ، މި މައުލޫމާތު އެނގޭ ފަރާތްތަކުން ބުނާ ގޮތުގައި، ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ 'މެގާސްޕީޑް' ގެ އެގްޒެކެޓިވްއެއް ކަމަށްވާ އެލިސް ހުއަންގްއާ އެކު އެންވީޑިއާގެ ސީއީއޯ ލޯބީގެ ގުޅުމެއް ބޭއްވި އެވެ. މެގާސްޕީޑަކީ އެންވީޑިއާގެ ކަސްޓަމަރެކެވެ.

އެލިސް ހުއަންގްއަކީ ޗައިނާގެ މައި ޖާސޫސީ އިދާރާއިން ރެކްރޫޓްކޮށްފައިވާ ޖާސޫސެއް ކަމަށް އެމެރިކާ ސަރުކާރުން ގަބޫލުކުރާ ކަމަށް ހުކުރު ދުވަހު އެފްޓީއިން ވަނީ ރިޕޯޓުކޮށްފަ އެވެ.

މީގެ އިތުރުން، އެންވީޑިއާގެ ޗިޕްތައް ސިއްރުން ޗައިނާއަށް އެތެރެކުރާ ކަމުގެ ތުހުމަތުގައި އެމެރިކާ ސަރުކާރުން ދިޔައީ ކުރިންވެސް މެގާސްޕީޑް ކުންފުނީގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.